ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކުރައްވާފައިވާ ކަމަށް ބުނާ ކަންތައްތަކެއް ބަލައިދިނުމަށް އެދި ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް ބުނެ، އެ މައްސަލަތައް ތަހުގީކޮށް ދެއްވުމަށް އެދި ދެ މީހަކު މިއަދު ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށައަޅައިފި އެވެ.

ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް ބުނެ، ޕޮލިހަށް މައްސަލަ ހުށައަޅާފައި ވަނީ ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށްވާ މާޒް އަހުމަދު ސަލީމާއި އަހުމަދު ސިއްދީގެވެ.
އެ ބޭފުޅުން ހުށަހަޅުއްވާފައި ވަނީ ދެ މައްސަލައެކެވެ. އަދި އެ ދެ މައްސަލަ ވެސް ހުށައަޅުއްވާފައި ވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކުރައްވާފައިވާ ކަންތައްތައް ކަމަށް ބުނެ މިއަދު ޕޮލިހަށް މާޒް ސަލީމް ހުށައަޅާފައިވާ މައްސަލަތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން އުވާލަން މަސައްކަތްކޮށް، ނަޝީދު އަމިއްލަ އަށް އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަން އުޅުއްވި ކަމަށް ބުނާ މައްސަލައަކާއި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓި މައްސަލަ އެވެ.

އަހުމަދު ސިއްދީގު ޕޮލިހަށް ހުށައެޅުއްވި މައްސަލައަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އެއާޕޯޓްސް ކޮމްޕެނީގެ ބޯޑް އުވާލައްވައި ދުވަހުން ދުވަހަށް އެ ބޯޑް ރައީސް އޮފީސް ތެރެއިން އެކުލަވާލެއްވި ކަމަށް ބުނާ މައްސަލައެކެވެ. އަދި އެއީ ގާނޫނާ ހިލާފަށް ރައީސުލްޖުމުހޫރިއްޔާގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން ކުރެއްވި ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ފުލުހުންނަށް ބަޔަކު ހުށައެޅި ނަމަވެސް އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު