ހިޔާގެ ޖަލްސާއަކާ ހެދި މުޅި ސަރުކާރު ދެބަންދިހާރުވެއްޖެ: އަލީ ވަހީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު، އަލީ ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިދިކޮޅުން ބާއްވަން ތައްޔާރުވަމުންދިޔަ "ކޮތަރު ކޮށި" ޖަލްސާއަކާ ހެދި މުޅި ސަރުކާރު ދެބަންދިހާރުވާ ހިސާބަށް ހިނގައްޖެ ކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ "ހިޔާ ޕާކް" ސަރަހައްދުގައި "ކޮތަރު ކޮށި" ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން ތައްޔާރުވަމުންދިޔަ ބޮޑު ޖަލްސާއަށް، އެޗްޑީސީން ހުރަސް އެޅުމުން އެކަމަށް ފާޑު ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ވަހީދު ވިދާޅުވީ އެ ޖަލްސާގެ ސަބަބުން މުޅި ސަރުކާރު ދެބަންދިހާރުވާ ހިސާބަށް ދިއުމުން، ސަރުކާރަށް މިހާރު ނަގަމުން އަންނަ އިތުރު ލޯނު ނެގުމުގެ ބަދަލުގައި ފާގަދިޔަ ނަގާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މާތް ﷲގެ ހެޔޮރަހުމަތްފުޅާއެކު 2023 ނިމިގެންދާނީ ވަރަށް ހިތިކޮށް، ކަމަށާއި ސަރުކާރުން ރައްޔިތުންނަށްކުރާ އަނިޔާގެ ޖަވާބާ ބަދަލު ދޭނީ ވޯޓުން ކަމަށެވެ.

"ހިޔާގެ ފިނިޝިންގ ނުހެދުނު. ހިޔާގެ ސެކިއުރިޓީ ނުބެލެހެއްޓުނު. ހިޔާގެ ޖަލްސާއަކާ ހެދި މުޅި ސަރުކާރު ދެބަންދިހާރުވާ ހިސާބަށް ދިޔުމުން، ސަރުކާރަށް އިތުރު ލޯނު ނެގުމުގެ ބަދަލުގައި ފާގަދިޔަ ނަގަންފެނޭ. އިރާދަފުޅުން 2023 ދާނީ ހިތިކޮށް. ރައްޔިތުންނަށް ކުރާ އަނިޔާގެ ޖަވާބު ދޭނީ ވޯޓުން،" އަލީ ވަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ތައްޔާރުވަމުންދިޔަ "ކޮތަރު ކޮށި" ޖަލްސާއަކާއަށް އެޗްޑީސީ އިން ހުރަސް އެޅުމުން، އިދިކޮޅު ކޯލިޝަނުން ނިންމީ އެ ޖަލްސާ އުސްފަސްގަނޑުގައި ބާއްވާ ގޮތަށެވެ.

އެ ޖަލްސާ، އުސްފަސްގަނޑު ސަރަހައްދުގައި ބާއްވަން ނިންމުމަށްފަހު، މިހާރު އަނެއްކާ ވެސް ވަނީ، ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމާފައެވެ.

ޕީޕީއެމާއި ޕީއެންސީން ބުނީ 24ގަޑިއިރު، ހުއްޓާނުލައި މަސައްކަތް ކޮށްގެން ވެސް އެއްވެސް އަލިމަގެއް ނުފެނުމުން، ހުކުރު ދުވަހުގެ ރޭ އުސް ފަސްގަނޑު ސަރަހައްދުގައި ބާއްވަން މަސައްކަތްކުރި ޖަލްސާ، މިހާރު ވަނީ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ތަފާތު އެކި ދުއްތުރާތަކާހެދި، ރައީސް ޔާމީން ބައިވެރިވެވަޑައިގަންވާ މި ބޮޑު އަދި މުހިއްމު ޖަލްސާ މިހާރު ވަނީ ކާނިވާ ސަރަހައްދަށް ބަދަލު ކޮށްފަ،" އިދިކޮޅުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އުސް ފަސްގަނޑު ސަރަހައްދުގައި ޖަލްސާ ބާއްވަން ނިންމުމުން، އެއީ ސަރުކާރު ބިމެއް ކަމަށްބުނެ، ކަރަންޓު ވެސް ގުޅައި ނުދެވޭނެ ކަމަށް ޕާޓީއަށް އަންގާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، "ސަން"އަށް ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު ކޯޓުން، ނިންމި ސިކުންތުން ފަށައިގެން ވެސް، އެމަނިކުފާނު ނިޒާމުން ގެއްލުވައިލުމުގެ މަސައްކަތް، ފަށައިފި ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި މިނިވަންކަމާއެކު، ރައީސް ޔާމީން ވާހަކަފުޅު ދައްކަވާ އަޑު އެހުމަކީ ސަރުކާރުގެ ބައެއް ވެރީންގެ ކަންފަތްތަކަށް ކުޅަދާނަވާނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުން އެމަނިކުފާނުގެ އަޑު މުޅީން ކަނޑުވާލާ، އަދި ގެއްލުވައިލަން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ނަމަވެސް އެކަމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ވެސް ގިރާ ކުރެއްވުމަށްފަހު، ކުރިއަށް ވަޑައިގަންވާނެ ހިތްވަރާއި ހަކަތަ، ރައީސް ޔާމީންގެ ހުންނާނެ ކަމަށެވެ.

comment ކޮމެންޓް