ނޮޅިވަރަންފަރުގެ ކައުންސިލުގެ ކަންބޮޑުވުންތައް ނައިބު ރައީސާ ހިއްސާކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލުގެ މެމްބަރުން ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ހދ. ނޮޅިވަރަންފަރު ކައުންސިލުގެ މެމްބަރުން ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައި އެ ރަށު ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާކުރައްވައިފިއެވެ.

ނައިބު ރައީސާއެކު މިއަދު އޮތް ބައްދަލުކުރެއްވުމުގައު ކައުންސިލުންވަނީ މި ވަގުތު އެންމެ އަވަހަށް ހައްލުކުރަން ބޭނުންވާ ކަންކަން ނައިބު ރައީސާ ހިއްސާކުރައްވައިފައެވެ.

އެ ކަންކަން ހިއްސާ ކުރައްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ސަން"އަށް ވިދާޅުވީ ގިނަ މައްސަލަތަކެއްގެ ވާހަކަ ނައިބު ރައީސާ ހިއްސާކޮށްފައިވާކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެ ރަށު ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، އޭޓީއެމްގެ ހިދުމަތް ގާއިމްވެފައި ނެތުންކަމަށް ނަދީމް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ އެ ރަށު މަގު ހެދުމުގެ މަސައްކަތް ލަސްވުމަކީ ވެސް ކަންބޮޑުވުމެއްކަމަަށެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއަށް ކުރިން ފައިސާ ބަޖެޓު ކުރެވިފައިވީ ނަމަވެސް އެ މަސައްކަތް ފެށިފައިނުވާކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ ކަމަށް ބަޖެޓުކޮށްފައިވަނީ ވަަރަށް މަދު މިންވަރެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށު ދެކުނު ފަރާތުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ މައްސަަލަ މައިގަނޑު މައްސަލައެއްގެ ގޮތުގައި ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު 13 އަހަރަށްވުރެ ގިނަ ދުވަސް އެ ބިން ތަރައްގީނުކުރެވި ހޭދަވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކައުންސިލްގެ ހަތަރުވަނަ ދައުރު މި ދަނީ މި މައްސަލައިގައި. އަޅުގަނޑުމެން މިހާރު އެ ތަނަށް އެ ހަދާފައި އޮތް އެގްރީމަންޓް ބާތިލްކޮށް އެ ބިން ލިބޭނެ މަސައްކަތް ކުރަމުން މި ދަނީ،" ނަދީމް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ނައިބު ރައީސްގެ ފަރާތުން އުންމީދީ ޖަވާބެއް ލިބިފައިވާކަމަށެވެ. އެގޮތުން މައްސަލަަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ވަަރަށް ގިނަ ދުވަސްވެއްޖެ މި ކަންކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް އަޅުގަނޑުމެންގެ ހުންނަތާ. އެހެންވެ މިއަދުގެ ބައްދަލުވުމުގައި އަޅުގަނޑުމެން އެެ ކަންކަން ހިއްސާ ކުރީ،" ނަދީމް ވިދާޅުވިއެވެ.

އެއާއެކު ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ އުންމީދަކީ ވީ އެންމެ އަވަހަކަށް ކަންބޮޑުވުންތަކަށް ހައްލު ލިބުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް