ޕީޕީއެމް ޖަލްސާ ބާއްވާ ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ

ޖަލްސާ ބާއްވަން ނިންމައިފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ ---

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމް އިން ބާއްވާ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެ ސަރަހައްދުގައި ފުލުހުން ފޯރި މަރަން ފަށައިފިއެވެ.

ޕީޕީއެމްގެ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނީ، އެ ސަރަހައްދުގައި ޖަލްސާ ބާއްވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި އެ ސަރަހައްދުގައި އެ ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނި ފަހުން ވެސް އެ ސަރަހައްދުގައި ޕީޕީއެމުން ޖަލްސާއަށް ތައްޔާރުވާން ފެށުމުންނެވެ.

އެޗްޑީސީން ހުއްދަ ނުދޭ ކަމަށް ބުނެފައިވަނިކޮށް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލު ކޮށް އެ ކައުންސިލްގެ ދަށަށް ގެންދިއުމަށް ނިންމައިފައެވެ.

ސިޓީ ކައުންސިލުން މިހެން ނިންމި ނަމަވެސް، އެޗްޑީސީން ވަނީ ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުން ހުއްޓުވުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

އެއާއެކު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ބެރިކޭޑު ޖަހައި، ހަރަކާތްތެރިވަމުންނެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނާތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ސަރަޙައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާއާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލިއުމުން ހުއްދަ ލިބުމުން ކަމަށެވެ.

ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަން ހީނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް