މަޖިލިސް މަރުތަޅުން ސަލާމަތް ކުރުން، ސުލްހައިގެ މަގު!

ރައްޔިތުންގެ މަޖިލީހަކީ ދައުލަތު ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބަސް ބުނެ ރައްޔިތުން އަޑު އިއްވާ ބަޔަކީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގެ މެންބަރުން "އިއްޒަތްތެރި"ވެ އިމްތިޔާޒު ބޮޑުވަނީ އެ ސަބަބާ ހުރެ އެވެ.

ގާނުނޫ އަސާސީގެ 83 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކު މަޖިލިހުގައި ތިން ދައުރު އޮންނަން ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އަވަސް އިންތިހާބެއްގެ ބަހަނާ އާ އެކު އެމްޑީޕީން ވަނީ އެދުވަހު މަޖިލިސް ތަޣައްޔަރުކޮށްލާފަ އެވެ. މިއަދާ ޖެހެންދެންވެސް ރިޔާސީ ނިޒާމެއްގެ އެއްގުނަން ވަނީ ފެއިލްވެ ހުއްޓުމަކާ ގާތްވެފަ އެވެ.

ދައުލަތުގެ އެއް ގުނަނުގެ މަސައްކަތް ހުއްޓާލުމަކީ އެންމެ ޒިންމާދާރު ގޮތް ތޯ އެއީ މިދަޑިވަޅުގައި އުފެދޭ ސުވާލެކެވެ. އެއީ ޅަފަތުގެ ޑިމޮކްރަސީއަކަށް އެންމެ ދުޅަހެޔޮގޮތްބާ އެވެ؟

"ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކަށް ވާނީ ހަމަނުޖެހުމެއް ނެތި މަޖިލިސް ހުޅުވުން. ފުރަތަމަ ދުވަހު މަޖިލިހުގެ ކަންކަން އެމްޑީޕީގެ މެންބަރުން ގެންދިޔަ ގޮތާ މެދު އެޕާޓީގެ ބައެއް މެންބަރުންވެސް ހިންހަމަނުޖެހުން ފާޅުކޮށް ވަނީ ވާހަކަ ދައްކާފައި. އަޅުގަނޑު އުއްމީދުކުރަނީ ދެން އަންނަ ދުވަހެއްގައި މަޖިލިސް ކުރިއަށް ދާނެ ކަމަށް. ރައްޔިތުންގެ މަޖިލިސް ގަދަ ބާރުން ހުއްޓުވުމުގެ ބާރެއް އެއްވެސް މީހަކަށް ނޯންނާނެ. ހަމަ މަޖިލިހުގެ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމުން މަޖިލިސް ކުރިއަށް ގެންދެވޭނެ،" ޑީއާރުޕީގެ ޕާލިމެންޓް މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް ނުފެށި އެންމެ މިނެޓެއް ލަސްވުމަކީވެސް ގައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑުގޮންޖެހުމެވެ. ވަކި ބަޔަކަށް ވެރިކަން ހޯދައި ދިނުމެއްގެ ރޫހެއްގައި މަޖިލިސް ހުއްޓުވާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މަޖިލީހުގެ ބައެއް މެންބަރުންވެސް ހުދު އެއްބަސްވެއްލައްވަ އެވެ. މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ސުލްހަޔަށް ލޯބިކޮށް މަޝްވަރާ ކުރިއަށް ނެރެން ޖެހޭ ވަގުތެވެ. މަޝްވަރާގެ ދޮރު ބަންދުކުރުމަކީ ގައުމަށް ވަފާތެރި މީހަކު ކުރާނެ ކަމެއް ނޫން ކަމައްވެސް ކާނަލް ވިދާޅުވި އެވެ.

"މަޝްވަރާގެ ފުރުސަތުތަށް ހުޅުވިފައި އޮންނަންޖެހޭނެ. މަޝްވަރާގެ ފުރުސަތުތަށް ބަންދުވެގެން ގޮސްގެން ނުވާނެ،" އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކާނަލް ވިދާޅުވި އެވެ.

ދުނިޔޭގެ ތަރައްގީ ޑިމޮކްރަސީތަކުގައި މަޖިލީހުގެ މެންބަރުން ރިޔާސަތާ މެދު ނުވަތަ ވަކި ކަމަކާ މެދު ހިތްހަމަ ނުޖެހޭނަމަ އިހުތިޖާޖްކޮށްފައި އެބަހުއްޓެވެ. އެބޭފުޅުން އިހުތިޔާރު ކުރައްވަނީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމާއި ވޯކް އައުޓް ކުރުން ފަދަ އޮޕްޝަންތަކެވެ. މަޖިލީހުގެ ބައެއް ތަކެތި ހަލާކު ކުރުމާއި ގައުމީ ދިދަ ބިންމައްޗަށް އެއްލައިލުމާ މޭޒު މައްޗަށް ކޮޅަށް އަރައި "ޑީޖޭ ޖެއްސެވުމަކީ" ވަކި މީހެއްގެ ހައްގުގައި ކުރެވޭ ކަމެއްކަމަށް ބެލިދާނެ ޖާގަ ވަރަށްވެސް ބޮޑެވެ.
މަޖިލީހުގެ އެހެން މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކުރައްވާ މަޖިލީހުގެ މިހާރުގެ ހާލަތު ސިފަކުރެއްވީ ރާއްޖެ މިހާރު މިދަނީ ރާއްޖޭގެ ހަޔާތުގައި ދިމާވި ކަޅު އަނދިރި ދުވަސްތަކުގެތެރެއިން ދުވަހެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ކުރިއަށް ނުދާ ކޮންމެ ވަގުތަކީ ތިންބާރުގެ ތެރެއިން އެއްބާރުގެ މަސައްކަތް ހުއްޓި އެކަމުގެ ގެއްލުން ޅަފަތުގެ ޑިމޮކްރަސީއަށް ކުރާނެ ކަމެއް ކަމަށެވެ.

ކުރީގެ ރައީސް މުހަންމަދު ނަޝީދު ސިފަކުރައްވާ ހަމައެކަނި ގާނޫނީ މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. ދަށު ކޯޓުތަކާއި ސިވިލްސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެ މަނިކުފާނު ދިއްކުރައްވަނީ ތުހުމަތުގެ އިގިއްޔެވެ. ރައީސް ނަޝީދުގެ ވިޕް ލައިނަށް މަޖިލިސް ހުއްޓުވުމުން މަޖިލިސްވެސް ފުރޮޅިގެން ދަނީ އެ ކެޓަގަރީއަށް ތޯވެސް މިހާރު ސުވާލު އުފެދެ އެވެ.

ގާނުނޫ އަސާސީގެ 84 ވަނަ މާއްދާގައި ބުނެ އެވެ؛ ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކޮށްދީ ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހުރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލަވާ ރިޔާސީ ބަޔާނެއް ރައީސުލްޖުމުހުރިއްޔާ މަޖިލީހަށް ހުށަހަޅަން ވާނެ އެވެ. އަދި ބުނެ އެވެ؛ "ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަށް ރައީސުލްޖުމުހުރިއްޔާ ރިޔާސީ ބަޔާން އިއްވަންޖެހޭނެ" ކަމަށެވެ.

ކޮންމެ ގޮތަކަށް ކަންވިޔަސް މަޖިލީސް ހުޅުވުމަކީ ސުލްހަޔަށް އޮތް ހަމައެކަނި ގޮތެވެ. އެކަމުގައި އެންމެންވެސް ގޮތް ދޫކުރަން ޖެހެ އެވެ. ބޭނުންވާ އަވަސްއިންތިހާބާއި ވެރިކަމާ ޖާހުވެސް ލިބެން އޮތީ އެމަގުން ކަމަށް ފެނެ އެވެ. މަޝްވަރާނުކޮށް ކަންކަން ހައްލުކުރަން އުޅުމަކީ ހިތި ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ. މަޖިލިސް ހުޅުވާ މަޝްވަރާތަކަށް ދޮރުތައް ހުޅުވަން މިވަނީ ޖެހިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް