ކޮތަރު ކޮށި ޖަލްސާ ހުއްޓުވަން އެޗްޑީސީން ކަމާބެހޭ އިދާރާތަކުގައި އެދިއްޖެ

އޮގަސްޓް 14، 2021: އެޗްޑީސީގެ ފަރާތުން ސުހައިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ނިންމައިފައިވާ ޖަލްސާ ހުއްޓުވައިދިނުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ޕީޕީއެމް ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:30ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަަހައްދުގައި އޮންނަ ހިޔާ ޕާކުގައެވެ.

ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު "ސަން"އަށް ވިދާޅުވީ ޖަލްސާ ބޭއްވުން ހުއްޓުވައިދިނުމަށް ކަމާ އިދާރާތަކުގައި މިހާރު އެދިފައިވާނެ ކަމަށެވެ.

"ލޯ އެންފޯސްމެންޓް އިދާރާތަކުން އެކަން ބަލަހައްޓާނީ. އަޅުގަނޑުމެންގެ ހުއްދަ ނެތި، ކުރުން ހުއްދަ ކަމެއް ނޫން ކަން ސިޓީ ކައުންސިލަށް ވެސް އެނގޭނެ، އެކަމާ ގުޅޭ އެހެން މުވައްސަސާތަކަށް ވެސް އަންގައިފައި އޮންނާނީ ހުއްދަ ނެތި ބާއްވަން އުޅޭ ކަމެއް ކަމަށް،" ސުހެއިލް ވިދާޅުވިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައިވާއިރު، އިދިކޮޅުގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ރަޖިސްޓްރީ ބާތިލު ކޮށް މާލެ ސިޓީގެ ދަށަށް ގެންދިއުމަށް ފާސްކޮށްފައެވެ.

ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވީނަމަވެސް އެކަމާ ގުޅޭ ގާނޫނީ ލަފާ މިހާރު ހޯދަމުން އަންނަ ކަމަށެވެ.

އިދިކޮޅުގެ ޖަލްސާއާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލިއުމުން ހުއްދަ ލިބުމުން ކަމަށެވެ.

"ހުޅުމާލެއަކީ ގާނޫނުގައި އޮންނަ ގޮތުން މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް," ހީނާ ވަލީދު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, ހަމަޖެހިފައިވާ ގޮތަށް ހުކުރު ދުވަހުގެ ރޭ އެ ސަރަހައްދުގައި ޖަލްސާ އޮންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވައިފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މަނިކުފާނު މިނިވަންކުރުމާ އެކު އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް