އެޗްޑީސީގެ ހުއްދަ ބާތިލުކޮށް، ސިޓީކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކޮށްފި

އެޗްޑީސީގެ ހުއްދަ ބާތިލުކޮށް، ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލު ކުރަން ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ރަޖިސްޓްރީ ބާތިލު ކޮށް މާލެ ސިޓީގެ ދަށަށް ގެންދިއުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައެވެ.

ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ، އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލުން ދެބަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ ޖަލްސާއާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ސަން' އަށް ވިދާޅުވީ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ލިއުމުން ހުއްދަ ލިބުމުން ކަމަށެވެ.

ސިޓީ ކައުންސިލުން ހުއްދަ ލިބުމުން, ޖަލްސާ ބޭއްވުމަށް އިތުރު ހުއްދައެއް ނަގަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާކަން ހީނާ ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން އެޗްޑީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނުން ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާ ކަމަށެވެ.

އެޗްޑީސީއިން ސިޓީ ކައުންސިލާ ގުޅުން ނުބާއްވާތީއާއި ހުޅުމާލޭގެ ކަންކަން ނިންމުމުގެ ބާރު ލިބިފައި ނުވާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް