އެކަނިވެރި މަޔަކު 15 ދުވަހުގެ ތެރޭގައި 24000 ޕައުންޑުގެ ދަރަނި އަދާކޮށްފި!

ޔާސްމިން

އުމުރުން 35 އަހަރުގެ ލަންޑަނަށް އުފަން ޔާސްމީނަކީ އޭނާގެ ދިރިއުޅުމުގެ ގިނަ ދުވަސްތައް ދަރަނީގެ ހާސްކަމުގައި ހޭދަކޮށްފައިވާ މީހެކެވެ. ހާއްސަކޮށް ކޮވިޑްގެ ލޮކްޑައުން ތެރޭގައި ކުރަންޖެހުނު ޚަރަދުތައް އިތުރުވެ، ބިލްތަކާއި ދަރިންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމުގައާއި ކާތަކެތި ހޯދުމުގައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހުނުކަމަށް ޔާސްމީން ބުނެފައިވެއެވެ.

މިއަހަރުގެ އޮގަސްޓުމަހަކީ އެކި ގޮތްގޮތުން ޔާސްމީންގެ ދަރަނި އެންމެ ބޮޑުވި މަސްކަމުގައި ޔާސްމީން ބުނެފައިވެއެވެ. އޮގަސްޓްމަހު އޭނާގެ ދަރަނި ޖުމުލަ 38000 ޕައުންޑަށް (50,371 ޑޮލަރަށް) އަރާފައިވެއެވެ.

ޔާސްމީން ފާހަގަކޮށްފައިވާ ގޮތުގައި ދަރަނި މާ ބޮޑުވާން ފެށުމުން އޭނާ އިސްކަންދިނީ ޚަރަދުތައް ކުޑަކުރުމަށެވެ. ނަމަވެސް އެކަންކުރުމުން މާ ބޮޑު ކުރިއެރުމެއް ނުލިބުނުކަމަށާއި ދަރަނި މަދުކޮށް ދަރަނި އަދާކުރުމަށްޓަކައި ބުރަ، ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި ވިސްނުނުކަމަށް އޭނާ ބުންޏެވެ. އަދި އެކަނިވެރި، އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބޭ މަންމައެއްގެ ހައިސިއްޔަތުން ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާކަން އެނގޭކަމަށާއި ފައިސާ ހޯދައި ރައްކާކުރާނެ ގޮތަކާމެދު ބޮޑު އިސްކަމެއް ދޭން ވިސްނުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހަކީ އޭނާގެ މާލީ ހާލަތު އެންމެ ދަށްކޮށްލި ދުވަސްވަރުކަމުގައި އޭނާ ފާހަގަކުރެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އައި ބަދަލުތަކާއެކު ގިނަ ދުވަސްތަކެއް ވާންދެން އަދާކުރި ވަޒީފާއިން ވަކިކުރިކަމަށާއި އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން އެތައް އަސަރުތަކެއް ކޮށް، އެކަމަށް ފަރުވާ ކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުކޮށް ހުންނަން ޖެހުނުކަމުގައި އޭނާ ބުނެފައިވެއެވެ. އަދި އެއަށްފަހު، ވަޒީފާއެއް ލިބުނުކަމުގައިވިޔަސް ދުވަސްކޮޅެއް ނުވެ ވަޒީފާއިން ވަކި ކުރާތީ އެކި ވަޒީފާތަކުގައި އުޅެން ޖެހިފައިވާކަމުގައި އޭނާ ބުނެފައިވެއެވެ.

ހާލަތުން އަރައިގަތުމަށްޓަކައި ޔާސްމީން އެޅި ފުރަތަމަ ފިޔަވަޅުކަމުގައި ފާހަގަކޮށްފައިވަނީ ޚަރަދު ކުޑަ ކުރުމަށްޓަކައި ވަކި މިންވަރެއް ކަނޑައެޅުމެވެ. އަދި ކޮންމެހެން ބޭނުންވާ ތަކެތި ފިޔަވާ އެހެން ތަކެތި ގަތުން ހުއްޓާލިކަމަށް އޭނާ ބުނެފައިވެއެވެ.

ޔާސްމީން ބުނެފައިވަނީ އޭނާއަށް ލިބޭ އާމްދަނީއާއި އޭނާއަށް ކުރެވޭ ޚަރަދުތަކާއި ކުރަންޖެހޭ ޚަރަދުތަކާއި ބާޒާރަށް ދާއިރު ކޮންމެހެން ގަންނަން ޖެހޭ ތަކެތީގެ ލިސްޓް ހަދާކަމަށެވެ. އަދި މީސްމީޑިއާގެ ތަފާތު މަންސަތަކުގެ ބޭނުންކޮށްގެން ވިޔަފާރީގެ ގޮތުން ބޭނުން ނުކުރާ ތަކެތި ވިއްކަން ފެށި ކަމާއި އަބަދުވެސް ހުރީ ފައިސާ ހޯދިދާނެ ދަނޑިވަޅަކަށް ބަލަބަލައި ކަމުގައި އޭނާ ބުނެފައިވެއެވެ. ޓިކްޓޮކްގައި ޔާސްމީންގެ 60000 ފޮލޯވަރުން ތިބޭއިރު ފައިސާ ހޯދުމުގައި މިއީވެސް ޔާސްމީން ބޭނުންކުރާ އުކުޅެއްކަމުގައި އޭނާ ބުނެއެވެ.

އެތައް ކަމެއް ގުރުބާން ކޮށްފައި ކުރި މަސައްކަތުން ޔާސްމީން ވަނީ އޭނާގެ ދަރަނި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެގޮތުން 15 ދުވަސް ތެރޭގައި އޭނާ ވަނީ 24000 ޕައުންޑް (31،813 ޑޮލަރު)ގެ ދަރަނި އަދާކޮށްފައެވެ. އަދި ޔަސްމިން ބުނާ ގޮތުގައި އޭނާގެ އުންމީދަކީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބާކީ ހުރި ދަރަނި އަދާކޮށް، އެކަމުން އޭނާ ސަލާމަތްވުމެވެ.

comment ކޮމެންޓް