ޖަލު ހިންގުމުގެ މަގްސަދަކީ ގައިދީންނަކީ ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުން: ސީޕީ

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު -- ފޮޓޯ/ ކަރެކްޝަންސް

ޖަލު ހިންގުމުގެ މައިގަނޑު މަގްސަދަކީ ޖަލަށް ގެންނަ މީހުންނަކީ ރަނގަޅު، ހެޔޮލަފާ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުން ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްސީއެސް އިން ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ޓަކައި މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ކަރެކްޝަން

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ފުޅު ވިދާޅުވީ ޖަލުން ނުކުންނަ މީހުންނަކީ ހެޔޮލަފާ ބަޔަކަށް ހެދުމަށް ޓަކައި ހިންގަމުން އަންނަ ތަފާތު އެކި ޕްރޮގްރާމްތަކަށް ގައިދީންގެ ފަރާތުން، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޕްރޮގްރާމް ތަކުން އުނގެނޭ ތަޖުރިބާ، އަމަލީ މައިދާނުގައި ވެސް ބޭނުން ކުރަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްސަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމައުއަށް ނެރުން،" ފުޅު ވިދާޅުވިއެވެ.

ދަސްވެނީންނަށް އިޝާރާތް ކުރައްވައި ފުޅު ވިދާޅުވީ އިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި މީހަކަށް އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށްފަހުގައި ވެސް އިތުރަށް އިލްމު އުނގެނެން މަސައްކަތް ކުރުމަށް، ބައިވެރީންނަށް ނަސޭހަތް ދެއްވިއެވެ.

ޖަލުގެ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ސަރުކާރުން އިސްކަން ދެއްވާ ބައެއް ސިޔާސަތުތަކަށް އަލިއަޅުވާލައި ފުޅު ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ޓަކައި ކޮމިއުނިޓީ ސާވިސް ފަދަ ހިދުމަތްތައް ގާއިމު ކުރުމާ އަދި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ހަރުދަނާކޮށް، އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މާފުށީ ޖަލުގައްޔާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 ޕަސެންޓަށްވުރެ، ގިނަ ގައިދީން އެކި ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭނެ. އަދި ޖަލުގައި ޕިޒިކަލް އިންފްރާސްޓްރަކްޗާ ގާއިމު ކުރެވިގެންދާނެ. އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީނުތައް ފުޅާކުރެވި، އެ ތަމްރީނު ތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެ،" ފުޅު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ އާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބޭ ގޮތަށް ޖަލު ތެރޭގައި ބަންދުވެގެން ތިބެ، އިލްމެއް، ނުވަތަ ހުނަރެއް ދަސްކުރުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު -- ފޮޓޯ/ ކަރެކްޝަންސް

މީގެ އިތުރުން ވިދާޅުވީ ޖަލަށް މީހުން އަންނަނީ އިޖުތިމާއީ ތަފާތު މަސައްލަތަކުގައި ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމުން ހާސިލު ކުރި، އިލްމާއި ހުނަރާއެކު، ޖަލުން މިނިވަން ވުމަށްފަހު، ދެވަނަ ފަހަރަށް އެނބުރި ޖަލަށް ނާންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް