ސިފައިންގެ މީހާ ރަހީނުކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ -- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު، ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ވިލިމާލޭގެ ގެސްޓު ހައުސެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސްޓާފް ސާޖަންޓް ހަސަން ފަހީމް ރަހީނުކޮށް އަނިޔާކޮށްފައިވަނީ އެ ރޭ ދަންވަރު ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އޭނާއަށް ހަމަލާދިނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށާއި ފަހުން ކޮޓަރިއަކަށް ގެންދިއުމަށްފަހު އިތުރުބަޔަކު ވެގެން ވަރަށް ބޮޑަށް އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކުރި ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނީ ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް އެއީ އެކަން ހިނގިގޮތް ނޫން ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ," ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން އެއިރު ބުނެފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް