ޓެރަރިޒަމްގެ ހަމަލާތަކުން ދިފާއުވުމަށް ޖޮއިންޓް އިންޓަ އެޖެންސީ އޮޕަރޭޝަން ސެންޓަރު ހުޅުވައިފި

ޖޮއިންޓް އިންޓަ އެޖެންސީ އޮޕަރޭޝަން ސެންޓަރު (ޖައޮކް) ހުޅުވުމަށް އޮތް ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ޓެރަރިޒަމްގެ ހަމަލާތަކުން ދިފާއުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި ޖޮއިންޓް އިންޓަ އެޖެންސީ އޮޕަރޭޝަން ސެންޓަރު (ޖައޮކް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު ބަންޑާރަކޮށީގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖައޮކްގެ ބޭނުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ގައުމީ ފެންވަރުގައި ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.

ޖަޔޮކްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެެނީ، ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތަކާއި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

އެއާއެކު މިސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ގެންގުޅުއްވައި "ޒީރޯ ޓޮލަރެންސް" ސިޔާސަތު ތަންފީޒުކުރުމަށް ގާއިމްކުރި ސެންޓަރެެއްކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް