ހިޔާ ފްލެޓުތަކުގެ އިސްކުރުން ދަބަރު ފެން އަންނަ ކަމުގެ ޝަކުވާ

ހިޔާ ފްލެޓްތަކުގެ ބައެއް އިސްކުރުތަކުން ދަބަރު ފެން އަންނަ ކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯތަކެއް ----

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމެންޓްތަކުގެ އިސްކުރުން ދަބަރު ފެން އަންނަ ކަމަށް ބުނެފިއެވެ.

ހިޔާގައި ދިރިއުޅޭ ބައެއް މީހުން 'ސަން' އަށް ބުނީ, އިސްކުރުތަކުން ދަބަރު ފެން އަންނަކަން ފާހަގަވެފައިވަނީ އިއްޔެ ހަވީރު ކަމަށާއި ރޭ އަށެއް ޖެހުމާ ހަމައަށް ވެސް ދޭތެރެ ދޭތެރެއިން އެގޮތަށް ދަބަރު ފެން އައި ކަމަށެވެ.

އެޗް14ގެ އެޕާޓްމެންޓެއްގައި އުޅޭ މީހަކު ބުނީ ސިންކުންނާއި ފާހަނާގައި ހުރި އިސްކުރުތަކުން ވެސް އިއްޔެ ދަބަރު ފެން އައިސްފައިވާ ކަމަށެވެ. އެކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ހިޔާ ފެލެޓް ޔޫނިއަން ވައިބާ ގްރޫޕްގައި ހިއްސާކޮށްފައެވެ.

"ފެނުގެ ތަހުލީލެއް ކުރަން ޖެހޭ ކަމަށް ފާހަގަވާނީ. ބައެއް ބޭފުޅުން ކެއްކުމުގައި ވެސް ސަޕްލައި ފެން ބޭނުންކުރޭ. ރައްކާތެރިކަން ކަށަވަރުކުރުން ވަރަށް މުހިންމު," ހިޔާ ފްލެޓެއްގައި އުޅޭ މީހަކު ބުންޏެވެ.

ހިޔާ ފެލްޓްތަކުގެ އަހުލުވެރިންނަށް އިތުރަށް އިހްމާލުނުވުމަށް ގޮވާލައި ހިޔާ ޔޫނިއަނުން ކުރި ޓްވީޓެއްގައި ވަނީ, ފްލެޓްތަކުގެ ފެން ރަނގަޅަށް ބަލައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ހިޔާ ފްލެޓްތަކަށް ފެނުގެ ހިދުމަތް ދެމުންދާ އެމްޑަބްލިއުއެސްސީން ބުނީ, އެފަދަ ޝަކުވާއެއް ރޭ ހުށަހަޅާފައިވާ ކަމަށާއި އެކަމަށް އެޓެންޑުވަމުން އަންނަ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ދެމުން ދިޔަ ނަމަވެސް އެތަނުގައި ފެން ހޮޅިތައް އަޅާފައިވަނީ ޓަވަރުތައް އިމާރާތް ކުރި ކުންފުނިންނެވެ.

comment ކޮމެންޓް