އިތުރު ވަގުތުގައި ގްރޭ ޖެހި މޮޅު ގޯލާއެކު އެވަޓަން އިން އާސެނަލް ބަލިކޮށްފި

މެޗުގެ އިތުރު ވަގުތުގައި ޑެމާރައި ގްރޭ ގޯލު ޖަހަނިކޮށް--

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އާއި އާސެނަލް ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ޑެމާރައި ގްރޭ ޖެހި ގޯލާއެކު އެވަޓަން އިން މެޗު ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެވަޓަން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެ ޓީމު ވަނީ ކުޅުނު 15 މެޗުން 18 ޕޮއިންޓް ހޯދައިގެން ޕްރިމިއާ ލީގު ތާވަލުގެ 12 ވަނަ އަށް ޖެހިލައިފައެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ގިނަ ޕާސްތަކެއް ޖަހައި ތަފާތު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ 43 ވަނަ މިނެޓުގައި އުމުރުން 24 އަހަރުގެ ރިޗާލިސަން ބޮލުން ވަރަށް ހިތްގައިމު ގޯލެއް ޖެހިނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެންމެ ފުރަތަމަ ލީޑު ނެގީ އާސެނަލް އިންނެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ކިއެރިން ޓިއެންރީ ކޯނަރު ދަނޑި ކައިރިން ނަގައިދިން ހުރަހަކުން މާޓިން އޮޑެގާޑް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއިންނެވެ.

ފުރަތަމަ ހާފު ނިމުނުއިރު 1-0 އަކުން އާސެނަލް މޮޅުވެފައި އޮތްއިރު، ދެވަނަ ހާފު ފަށައިގެން އެވަޓަން އިން އައީ ހަމަލާތައް ނުރައްކާ ކުރަމުންނެވެ. އެހެންނަމަވެސް އެ ހަމަލާތައް އާސެނަލްގެ ކީޕަރު ކްރިސްޓޮފާ ރަމްސްޑޭލް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ރިޗާލިސަން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދުނު ނަމަވެސް ރެފްރީ ވަނީ އެ ގޯލަކީ ވެސް އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފައެވެ.

މެޗު ނިމެން 80 މިނެޓަށް ވެފައި އޭރިއާ ބޭރުން ގްރޭ ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީގައި ޖެހި އައި ރިބައުންސުން ގޯލުގެ ތެރެއަށް ވައްދާލައިދިނީ ބްރެޒިލްގެ މޮޅު ފޯވާޑް ރިޗާލިސަންއެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި 50 ވަނަ ގޯލެވެ. އެ ގޯލާއެކު ރިޗާލިސަން ވެގެންދާނީ އިނގިރޭސި ކުލަބަކަށް އެންމެ ގިނަ ގޯލު ޖެހި ބްރެޒިލްގެ ތިން ވަނަ ކުޅުންތެރިޔާއަށެވެ.

ރިޗާލިސަން ބޯޅަ ހިފައިގެން ދުވެފައި ދަނިކޮށް: އޭނާ ވަނީ މެޗުގައި ގޯލެއް ކާމިޔާބު ކޮށްފައި

މެޗުގެ 90 މިނެޓު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނިކޮށް އޭރިއާ ބޭރުން ބާރު ސްޕީޑުގައި ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖައްސައި ގޯލަށް ވައްދައިލައިދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރޭ އެވެ.

މި މެޗުގައި އާސެނަލް އަށް ގޯލު ޖަހަން ފަހުވަގުތުގައި އަބެމޭޔަންގަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މިރޭ މެޗުގެ މުޅި ކުޅުމަށް ބަލާއިރު އެވަަޓަންގެ ކީޕަރު ޕިކްފޯޑް ވަނީ އާސެނަލް އިން އުފެއްދި ނުރައްކާ އެތައް ހަމަލާތަކެއް ދިފާއު ކޮށްފައެވެ. އަދި މިއަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލް ގައުމީ ޓީމަށް މުހިއްމު ގޯލުތަކެއް ޖަހައިދިން ރިޗާލިސަން މިރޭގެ މެޗުގައި ޖެހި ފުރަތަމަ ދެ ގޯލު އޮފްސައިޑް ކަމަށް ނިންމި ނަމަވެސް އޭނާ ވަނީ ގޯލެއް ޖަހައި ވަރަށް ގިނަ އެޓޭކް އުފައްދަން މަސައްކަތް ކޮށްފައެވެ.

މިއީ ސެޕްޓެމްބަރު މަހަށް ފަހު އެވަޓަން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ 35 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އޮތީ ލިވަޕޫލެވެ. އަދި 15 މެޗުން 33 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ޗެލްސީއެވެ.

comment ކޮމެންޓް