އެމްޓީސީސީ އޮތީ ދިވެހީންނަށް މަރުހަބާ ކިޔަން ތައްޔާރަށް، އަވަސް ކުރައްވާ: އާޒިމް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އާދަމް އާޒިމް (ކ) އަދި ސީއޯއޯ، ޝާހިދު ހުސައިން (ވ)

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އޮތީ ވަޒީފާ ހޯދާން އަންނަ ދިވެހީންނަށް މަރުހަބާ ކިޔާން ތައްޔާރަށް ކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ހުނަވަރު ޕްރޮގްރާމްގެ ދަށުން، މީހުން ތަމްރީން ކުރުމަށް ޓަކައި، އެމްޓީސީސީ އިން ޔޫތު މިނިސްޓްރީއާއެކު، އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ދިވެހި ޒުވާނުންނަކީ މުޖުތަމައުއަށް މުހިއްމު ބައެއްގެ ގޮތުގައި ހަދައިދިނުމަށް ޓަކައި އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން އާދޭހާއެކު ދަންވަން އޮތީ ކުރިމަތީ ލާށޭ، ތިޔަ ޒުވާނުންނަށް އެމްޓީސީސީ އިން ކުރިމަތިލާނީ ވަރަށް އޯގާތެރިކަމާއެކުގައޭ. ތިޔަ ޒުވާނުންނަކީ މުޖުތަމައުގަ ވަރަށް މުހިއްމު ބައެއްގެ ގޮތުގަ ހަދައިދިނުމަށް ޓަކައި އެމްޓީސީސީން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަމޭ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާއިތުވި، ދެ އަހަރު ތެރޭގައި ވެސް 15،00 ދިވެހީންނަށް އެ ކުންފުނިން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުން ބޭނުން ވެގެން އިއުލާނުކުރާ ކޮންމެ ފަހަރަކު ވެސް ޖެހެނީ އެ ވަޒީފާތަކަށް ބޭނުންވާ ދިވެހީން ނުލިބިގެން، ބޭރުން މީހުން ގެންނާން ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ކުންފުނީގެ ވަޒީފާތަކުގައި މިވަގުވެސް 13،00އެއްހާ ބިދޭސީން އެބައުޅޭ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ޓެކްނިކަލް މީހުން ކަމަށެވެ. އެހެންކަމުން، އެ މަގާމުތަކަށް ބޭނުންވާ ދިވެހީން ލިބިއްޖެނަމަ، ބޭރު މީހުންގެ ފޮނުވާލުމަށްފަހު، އެ މަގާމުތަކަށް ދިވެހީން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް މަސައްކަތަކީ އެ މަސައްކަތެއްގެ ހުނަރާ ތަޖުރިބާ ހޯދައިގެން މެނުވީ، ކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެހެންކަމުން ރައީސް ސޯލިހް ބޭނުންފުޅުވަނީ ދައުލަތުންނާއި ކުންފުނިތަކުގެ ހަރަދުގައި ކިޔަވައިދީގެން ނަމަވެސް، ވަޒީފާތަކަށް ދިވެހީން ގެންނާން ކަމަށެވެ.

އޭނާ ވިދާޅުވީ މައިންބަފައިން ވެސް، އެމީހުންގެ ދަރީން ހެނދުނާ ހޭލައިގެން ވަޒީފާއަށް ދިއުމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ.

އާޒިމް ވިދާޅުވީ އެއްވެސް ވަޒީފާއަކީ ހަޑި ވަޒީފާއެއް ނޫން ކަމަށާއި އެހެންކަމުން އާމްދަނީއެއް ލިބޭ އަދި ހުއްދަ، ކޮންމެ މަސައްކަތަކީ ވެސް ކުރާން ހަމަ އެންމެ ރަނގަޅު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް. މިވަގުތު ވެސް ސަތޭކަ ފަންސާސް މުވައްޒަފުން އެބަ ބޭނުންވޭ. އެމްޓީސީސީގަ މަސައްކަތް އެބަހުރި. މީގެ ކުރީން ދުވަހަކު ވެސް ހަވާލު ނުކުރާހާ ގިނަ މަސައްކަތް ހަވާލު ކުރަމުން އެދަނީ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިތުރު މަސައްކަތްތައް ވެސް އެ ކުންފުނިން ކުރިއަށް އެބަ ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޔާޑަށް ބޭނުންވާ އިލެކްޓްރިޝަނުންނާއި ވެލްޑަރުންގެ އިތުރު އެއާ ކޮންޑިޝަން ޓެކްނީޝަނުން ވަރަށް އަވަހަށް އެބަ ބޭނުންވާ ކަމަށެވެ.

"ކުރިއަރަމުން އަންނަ ގައުމަކަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މީހުން ބޭނުންވާ ކުންފުންޏެއް އެމްޓީސީސީއަކީ. އެހެންވީމަ ހުރިހާ ދިވެހި ޒުވާނުންގެ ކިބައިން އަޅުގަނޑު އެދެން އެމްޓީސީސީއަށް ވަޑައިގަންވާށޭ. ވަޑައިގެންފި ނަމަ ތިޔަ ކުދިންނަށް ވަރަށް ރަނގަޅު މަސައްކަތުގެ މާހައުލެއް އަޅުގަނޑުމެން ހޯދައިދޭނަމޭ،" އާޒިމް ވިދާޅުވިއެވެ.

އިތުރަށް އާޒިމް ވިދާޅުވީ ދިވެހި ޒުވާނުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތުގައި އެހީތެރިވެދިނުމަށް ޓަކައި އެމްޓީސީސީ އިން އޮތީ އަތުކުރިއޮޅައިލައިގެން ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް