އެކްސިޑެންޓުވުމުން ވެސް ކާރު މަޑެއް ނުކުރޭ، ޚާލިދު އައިސީޔޫގައި މަރާ ހަނގުރާމަ ކުރަނީ

އެކްސިޑެންޓުގައި އަނިޔާވި ޚާލިދު އަބްދުﷲ: އޭނާއަކީ ހާއްސައެހީއަށް ބޭނުންވާ މީހެއް -- ފޮޓޯ/ އަލީ ޝިފާޒް

މ. ކިނބިދޫގޭ ޚާލިދު އަބްދުﷲގެ އާއިލާއަށް މިއަދުގެ ހެނދުނު 11:04ގައި ލިބުނީ ފޯނު ކޯލެކެވެ. އެ ކޮޅުން ވާހަކަ ދެއްކީ ފުލުހުންނެވެ.

ފުލުހުން ދިން ހަބަރަކީ މުޅި އެ އާއިލާ އެލާޓަށް އައި ހަބަރެކެވެ. އާއިލާގެ އެންމެން ވެސް ލޯބިވާ، ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށްވާ ޚާލިދު އެކްސިޑެންޓުވީ ހަބަރެވެ.

އާއިލާއިން ލަފާކުރާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 09:30އާއި 11:00އާ ދެމެދުގެ ވަގުތެއްގައެވެ.

ޚާލިދަކީ މާލޭގެ މަގުމަތިން ވަރަށް ގިނައިން ފެންނަ މީހެކެވެ. އޭނާ ދުއްވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް ހަދައިފައި ހުންނަ ވައްތަރުގެ ބެޓެރި ސައިކަލެކެވެ. އޭނާ އެ ސައިކަލު ދުއްވަން ނުހަނު ފަރިތަ ވެސް ވާނެއެވެ.

ޚާލިދަކީ އާއްމުކޮށް ހުޅުމާލެއަށް ގޮސް އުޅޭ މީހެއް ނޫނެވެ. ބުރިޖުމަތީގެ ބާރުބޮޑުކަމާހުރެ، އޭނާ ވަރަށް ހުޅުމާލެ ގޮސް ނޫޅެއެވެ.

ޚާލިދުގެ އެއްބަނޑުއެއްބަފާ ދައްތައަކާ އޭނާއާ މިއަދު ހެނދުނު ރަސްފަންނު ކައިރިން ދިމާވިއެވެ. އަދި އޭނާ ހުޅުމާލެއަށް މިއަދު ދާން އުޅޭ ވާހަކަ ދައްތަގެ ގާތުގައި ބުންޏެވެ.

އެހެން ނަމަވެސް ޚާލިދު ހުޅުމާލެއަށް ދިޔައީ ކޮންކަމަކު ކަމެއް ސާފެއް ނުވެއެވެ. އޭނާގެ ދެބެންގެ ދެދަރި މީހަކު ހުޅުމާލޭގައި އުޅެއެވެ. އަދި އޭނާއަށް ސްޓްރޯކެއް ވަރަށް ފަހުން ޖެހުނު ކަމަށާއި، ފަހަރުގައި ޚާލިދު ދިޔައީ އޭނާގެ ގާތަށް ކަމަށް ވެދާނެ ކަމަށް އާއިލާއިން ލަފާކުރެއެވެ. އެހެން ނަމަވެސް ޚާލިދު އޭނާގެ ދެބެންގެ ދެދަރި ބޭބެ ގާތަށް ގޮސްފައި ނުވާތީ، އެކަމެއް ވެސް ޔަގީނެއް ނޫނެވެ.

ޚާލިދު އެކްސިޑެންޓުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ބްރިޖް މަތިންނެވެ. ނަމަވެސް އެއީ ދެވަނަ ފިޔަވައްސަށް ދަނިކޮށްކަމެއް ނުވަތަ ދެވަނަ ފިޔަވަހިން އަނބުރާ އަންނަނިކޮށް ކަމެއް ނޭނގެއެވެ.

ޚާލިދުގެ އެއްބަނޑުއެއްބަފާ ދައްތަގެ ދަރިއަކު "ސަން"އަށް ބުނީ އެކްސިޑެންޓު ހިނގީ ޚާލިދު ދުއްވާ ސައިކަލުގައި ކާރަކުން ޖެހިގެން ކަމަށެވެ.

"ކާރު ޖައްސާފަ ހަމަ ދިޔައީ ކަމަށް ވަނީ ވެސް ދޯ. ކާރުގައި އިން މީހާ އެއްވެސް ހެލްޕެއް ވެސް ނުވާ ކަމަށް ވަނީ. ކާރު ޖައްސާފަ ދިޔައިއްޔޭ، ހަމަ އެހެން ބުނީ،" އޭނާ ކިޔައިދިނެވެ.

ފޯނު ކޯލު އައުމާއެކު އޭނާ ވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގޮސްފައެވެ. އަދި ދިޔައިރު ވެސް ޚާލިދުގެ އަނގައިން ވަރަށް ބައިވަރު ލޭ އަންނަ ކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭނާގެ ދަތްދޮޅި ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ޚާލިދުއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ޚާލިދުގެ ސްކޭންތަކެއް ހަދަން ޖެހޭތީ ހުޅުމާލޭ ހޮސްޕިޓަލުގެ އިރުޝާދުގެ ދަށުން، އޭނާ އައިޖީއެމްއެޗަށް ބަދަލު ކުރިއެވެ. އެތަނަށް ގެންދިޔަ ގޮތަށް އެމަޖެންސީގައި ޚާލިދަށް ފަރުވާ ދިނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އެކްސިޑެންޓުގައި ޚާލިދުގެ ތިރީ ދަތްޕިލަ މަތީގައި ހުރީ ވަރަށް ބޮޑަށް ޖެހިފައެވެ. އެހެންވެގެން، ހިރުގަނޑާ ދިމާލުން މަތީ ތަލި ވަރަށް ބޮޑަށް ހުރީ ހަލާކުވެފައެވެ.

"އިންޓާނަލް ބްލީޑިން ހުރީމަ ނޭވާ ލުމުގެ އުނދަގޫތަކެއް ވާނެތާ. ނޭފަތާ ދިމާލުންތާ މަތީ ތަލި އިންނާނީ. ނޭވާ ލުމުގެ ދަތިތަކެއް ހުރީމަ ވެންޓިލޭޓަރުގައި ފަރުވާ ދިނީ،" އޭނާ ކިޔައިދިނެވެ.

ޚާލިދުގެ ސްކޭންތަކާއި އެކްސްރޭތައް މިހާރު ވަނީ ހަދައި ނިމިފައެވެ. އަދި ނަތީޖާ ދައްކާ ގޮތުން އޭނާ ސާޖަރީއެއް ކުރަން ޖެހޭ ކަމަށް އާއިލާއިން ބުނެއެވެ.

"ސާޖަރީއެއް ކުރަން ޖެހޭކަމަށް ވަނީ، އަނގަތެރެއިން ކަށިގަނޑު ބިދިފަ އިނީމަ. މޫނުމަތިން ގެއްލުން ވެފައި ހުރީ. މޫނުމަތި ކަންނޭނގެ ބޮޑަށް ޖެހިފައި އެ ހުރީ،" އޭނާ ބުންޏެވެ.

ޚާލިދު މިހާރު އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އޭނާގެ ސާޖަރީ ކުރިއަށް ނުގެންގޮސް ބާއްވައިފައި އޮތީ އޭނާގެ ހާލު އަދި ސްޓޭބަލް ނުވާތީއެވެ.

މަގުމަތީގައި އުޅޭއިރު ވެސް ޚާލިދަށް ގިނަ ބަޔަކު އަޅާލައެވެ. އަދި އޭނާއަށް މީހުން އެހީތެރިކަން ފޯރުކޮށްދޭތީ ވެސް ފެނެއެވެ. އަދި ޚާލިދަކީ ބަރާބަރަށް މިސްކިތަށް ދާ މީހެއްކަމަށް ޚާލިދުގެ ގާތް މީހަކު ކިޔައިދިނެވެ.

ޚާލިދަކީ ހާއްސަ އެހީއަށް ބޭނުންވާ ނަމަވެސް، ހިތްވަރުގަދަ މީހެކެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ޚާލިދަށް އަނިޔާވެ މިއަދު އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

comment ކޮމެންޓް