ޕީކް ސީޒަންގައި އެހެން އެއާލައިންތަކުގެ ފްލައިޓު ޗާޓަރުކުރުމަކީ އާންމުކަމެއް: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ/ އަޙްމަދު އައިމަން އަލީ

ޕީކް ސީޒަންގައި، ބާރު ބޮޑުވުމުން އެހެން އެއާލައިނަކުން ފްލައިޓު ޗާޓަރު ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

ޑޮމެސްޓިކް ދަތުރުތައް ކުރުމަށް އެކަށީގެންވާ ވަރަށް ފުލައިޓު ގައުމީ އެއާލައިން ފީލްޑުގައި ނެތުމުގެ ސަބަބުން ޕްރައިވެޓް އެއާލައިންތަކުގެ ބޯޓުތައް ޗާޓަރު ކުރި ކަމަށް ބުނެ މިއަދު ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ސަން"އަށް ވިދާޅުވީ މި ދުވަސްކޮޅަކީ ޕީކް ސީޒަން ކަމަށާއި އަދި ކުރިއަށް އޮތީ ސުކޫލު ބަންދު ދުވަސްވަރު ކުރުމުން، ދަތުރުތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

މިގޮތަށް ފްލައިޓު ޗާޓަރުކުރުމަކީ ހުރިހާ އެއާލައިންތަކުން ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި މީގެ ކުރިން ވެސް ޕީކް ސީޒަންތަކުގައި މިގޮތަށް ކަންކޮށްފައިވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕްރައިވެޓް އެއާލައިނެއްގެ އޮފިޝަލަކު "ސަން'އަށް ވިދާޅުވީ ދިމާވެގެން އުޅެނީ މޯލްޑިވިއަންއަށް ކޭޓާ ނުކުރެވުމުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބާރުބޮޑުވާ ގަޑިތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

comment ކޮމެންޓް