ރައްޔިތުން މުޒާހަރާ ކުރުމުން، އުކުޅަހުގައި ބެހެއްޓި ކްރިސްމަސް ގަސް ނަގައިފި

ކްރިސްޓިއަން ގަސް ބެހެއްޓި އުކުޅަހު ގެސްޓް ހައުސް ---

އއ. އުކުޅަހު ރަންތަރި ގެސްޓް ހައުސްގައި، ޣައިރު ދީނެއްގެ ދުވަހެއް ރަމްޒުވާ ގޮތަށް ބެހެއްޓި ކްރިސްމަސް ގަހެއް ނަގައިފިއެވެ.

އުކުޅަހުން "ސަން" އާ ވާހަކަ ދެއްކި ރައްޔިތަކު ބުނީ މުސްލިމު ގައުމެއްގައި މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ނުދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މުޒާހަރާ ކުރަމުން މި އަންނަނީ. މިއީ މުސްލިމު ގައުމެއްގައި ކޮށްގެން ވާނެ ފަދަ ކަންކަމެއް ނޫން. އަޅުގަނޑުމެން މިހާރު ކައުންސިލާއި ފުލުހުންނަށް ވެސް އަންގައިފިން. ކްރިސްމަސް ގަސް ނެގުމުން ނޫނީ މުޒާހަރާ ހުއްޓައިނުލާނަން،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކައުންސިލުންނާއި ފުލުހުން އެންގުމުން ވެސް ގެސްޓު ހައުސްއިން ގަސް ނެގުމަށް ދެކޮޅު ހެދިއެވެ.

މިކަމާ ގުޅިގެން އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ރިޔާޒް "ސަން"އަށް ވިދާޅުވީ ކައުންސިލަށް އެންމެ ފުރަތަމަ އެ ގަހުގެ ޝަކުވާ ލިބުނީ އާންމު ރައްޔިތެއްގެ ފަރާތުން ކަމަށެވެ.

ޝަކުވާތައް ލިބުމާއެކު ކައުންސިލުން ވެސް އެ ގެސްޓު ހައުސްގެ ވެރިންނަށް އެއީ މަނާ ކަމެއް ކަން އަންގައިފައިވާނެ ކަމަށާއި މިހާރު ސުލްހަވެރިކަމާއެކު އެ ގަސް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުކުޅަހުގައި ބެހެއްޓި ކްރިސްމަސް ގަހާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިޔާ އަލީ ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސޯރާ ދީނުގެ އަގީދާގެ ކަންކަމުގައި އިސްލާމުން ބައިވެރިވުން ހުއްދަވާނީ ކިހިނަކުންތޯ ސުވާލުކުރައްވައިފައެވެ.

އާ އަހަރާއި ކްރިސްމަސް ޗުއްޓީއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނައިރު މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފަދަ މުސްލިމުންގެ އަގީދާ އާއި ނުގުޅޭ ދުވަސްތައް ފާހަގަ ކުރުން ގާނޫނުން މަނާކުރެއެވެ. ނަމަވެސް ޓޫރިސްޓު ރިސޯޓުތަކުގައި އެފަދަ ހަރަކާތްތައް ހިންގައެވެ.

މިދިޔަ އަހަރުގެ ކްރިސްމަސް ޗުއްޓީގައި ވެސް ކ. މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ގެންގޮސްފައިވެއެވެ.

comment ކޮމެންޓް