ކަނޑޫފާތައް މަރުވާ ސަބަބު ދެނެގަންނަން އިންޑިއާ ޓީމެއް ރާއްޖެއަށް

ކަނޑޫފާ މަރުވާ ސަބަބު ދެނެގަންނަން އައި އިންޑިއާ ޓީމުގެ ދެ މެމްބަރުން ހއ. ކެލާގައި -- ފޮޓޯ/ އީޕީއޭ

ރާއްޖޭގެ ރަށްތަކުގައި ހުންނަ ކަނޑޫފާތައް މަރުވާ ސަބަބު ހޯދައި ދެނެގަތުމަށް ހާއްސަ ދިރާސާއެއްކުރުމަށް ޓަކައި އިންޑިއާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖޭގައި މަސައްކަތްކުރާނީ މި މަހުގެ 10ވަނަ ދުވަހުގެ ނިޔަަލަށެވެ. އިންޑިއާއިން އައި މި ޓީމުން މަސައްކަތްކުރާނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ ގުޅިގެންނެވެ.

މި މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކެޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ މިހާރު ވެސް އެ ޓީމުން ދެ ސަރަހައްދެއްގައި މަސައްކަތްކުރަމުން އަންނަކަމަށެވެ.

"އެ ޓީމުގެ މައިގަނޑު މަސައްކަތަކަށްވާނީ މި ކަނޑޫފާތައް ނެތިދާން މެދުވެރިވާ ސަބަބުތައް ހޯދުން. ދެން އެގޮތުން އެ ޓީމުގެ މެމްބަރުން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަނީ،" ނައީމް ވިދާޅުވިއެވެ.

އެ ޓީމުގެ މެމްބަރުން މިއަދު އަންނަނީ ހއ. ކެލާގައި ހަރަކާތްތެރިވަމުންނެވެ.

ހއ. ކެލާގެ ކަނޑޫފާ -- ފޮޓޯ/ އީޕީއޭ

ރާއްޖެއައި ޓީމުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮޮލޮޖީ (ސީޔޫއެސްއޭޓީ)ގެ ހަތަރު މެމްބަރުންނެވެ. އެ ޓީމުގެ މެމްބަރުންގެ މެދުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯ ބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. ބިޖޯއީ ނަންދާނެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކަނޑޫފާތައް ގިނަ އަދަދަކަށް އަންނަނީ މަރުވަމުންނެވެ. އޭގެ ތެރޭގައި ހއ. ކެލާގެ ކަނޑޫފަލާއި، ކޭލަކުނުގެ ކަނޑޫފާ ވެސް ހިމެނެއެވެ.

comment ކޮމެންޓް