ފަގީރުންގެ ދަފްތަރުގައި ނަން ރަޖިސްޓްރީކުރުމަށް ހުޅުވައިލައިފި

ފިތްރު ޒަކާތް ދެއްކުމަށް ބަޔަކު އިސްލާމިކް މިނިސްޓަރުގައި ހުންނަ ކައުންޓަރު ކައިރީގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ނަން ރަޖިސްޓްރީކުރުމުގެ ފުރުސަތު އެ މިނިސްޓްރީން ހުޅުވައިލައިފިއެވެ.

އެ މިނިސްޓްރީން މިއަދު އެ ފުރުސަތު ހުޅުވައިލައިފައިވަނީ މާލެއިން އެ ލިސްޓުގައި ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށެވެ. އެގޮތުން އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް މި މަހުގެ 12އިން 30ގެ ނިޔަަލަށް އެކަމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެެވެ. އަދި ފޯމު ބަލައިގަންނާނީ އެ ދުވަސްތަކުގެ ހެނދުނު 09:00އާއި މެންދުރުފަހު 12:30އާ ދެމެދުކަމަށް ވަނީ ބުނެފައެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ހުށަހަޅާ ފޯމް އެ މިނިސްޓްރީން ލިބެން ހުންނާނެކަމަށެެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެކަމަށެވެ.

ފޯމު ބަލައިގަންނާނީ އެ ކަމަށް ހާއްސަކޮށް އެ މިނިސްޓްރީގައި ހުންނަ ކައުންޓަރުތަކުންނެވެ.

ހަމައެއާއެކު މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުން ދަފްތަރުގައި އަލުން ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 މީހަކު ވަނީ މިދިޔަ ހިޖްރީ އަހަރުގެ ތެރޭ ރަޖިސްޓްރީވެފައެވެ.

comment ކޮމެންޓް