މީހެއްގެ އަތުން ނެގި ފައިސާ ނުދެއްކުމުން މާލޭގެ ގެއެއް ވިއްކާލަނީ

މާލެ: ސިވިލް ކޯޓުގެ ހުކުމެއް ތަންފީޒުކުރުމަށް މާލޭގެ ގެއެއް ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައި --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

މީހެއްގެ އަތުން ދަރަންޏަށް ނެގި ފައިސާތަކެއް ނުދެއްކުމުން, އެ ފައިސާ އެމީހާއަށް އަނބުރާ ހޯދައިދިނުމަށް މާލޭގެ ގެއެއް ނީލަމުގައި ވިއްކާލުމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް މ. އެރޯވިލާއިން އާމިނަތު ނަޝީދާއަށް ލިބިފައިވާ 556.6 އަކަފޫޓް, ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގެ ވިއްކާލުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ, އިބްރާހިމް އާމިރު ނަމަކަށް ކިޔާ މީހެއްގެ އަތުން ނަޝީދާ ދަރަންޏަށް ނެގި 4,626,000 (ހަތަރު މިލިއަން ހަ ލައްކަ ސައްބީސްހާސް ރުފިޔާ) އަނބުރާ ނުދެއްކުމުންނެވެ.

ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރި ނަމަވެސް ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެއެވެ.

އެގެ ނީލަމުގައި ވިއްކާލަން ނިންމާފައިވާއިރު, ނީލަން ފެށޭ އަގަކީ 2,883,219.50 (ދެ މިލިއަން އައްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ނަވާރަ ރުފިޔާ ފަންސާސް ލާރި) އެވެ.

ނީލަން ހުށަހަޅަން ޖެހޭނީ ސިޓީއަކުން ސިވިލް ކޯޓަށެވެ. މާދަމައިން ފެށިގެން އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ 1:30އާ ހަމައަށް އަގު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ނީލަން ކާމިޔާބުވާ ފަރާތުން ފަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ފައިސާ ދައްކަން ޖެހެއެވެ. ނުދައްކައިފިނަމަ އެ ހުށަހެޅުން ބާތިލްކޮށް ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް ދިނުމާ ގުޅޭ ގޮތުން ނުވަތަ ނީލަމަށް އަލުން ހުޅުވާލުމާ މެދު ގޮތެއް ނިންމާނެއެވެ.

comment ކޮމެންޓް