ކޮވިޑުގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވީ ސައުތު އެފްރިކާއިން އައި ފަތުރުވެރިއެއް: އެޗްޕީއޭ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯންއަށް ރާއްޖެއިން ޕޮޒިޓިވްވީ ރާއްޖެ އައި ސައުތު އެފްރިކާ ފަތުރުވެރިއެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ ފަތުރުވެރިޔާއަކީ މިދިޔަ މަހުގެ 21ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެއްކަމަށެވެ. އަދި މި ކޭހަކީ އާ ވޭރިއަންޓުގެ ކޭހެއްކަން ޔަގީންވީ މިދިޔަ މަހުގެ 30ވަނަ ދުވަހު ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއާއެކު ރޭ އެޗްޕީއޭއިންވަނީ ރާއްޖެއިން އޮމިކްރޯންގެ ފުރަތަމަ ކޭސް ފެނިފައިވާކަން އިއުލާނުކޮށްފައެވެ.

އެޗްޕީއޭއިންވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަނެއްކާވެސް ނަސޭހަތްތެރިވެފައެވެ.

އެގޮތުން ބަލީގެ އަލާމާތެއް ފެންނަނަމަ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށް އެޗްޕީއޭއިންވަނީ އެދިފައެވެ. އަދި މާސްކު އަަޅައި ގައިދުރުކަން އިސްކުރުމަށް އެޗްޕީއޭއިންވަނީ އެދިފައެެވެ.

އޮމިކްރޯންއަކީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފައިވާ ވޭރިއަންޓެކެވެ. މިހާތަނަށް 46 ގައުމަކުން އެ ވޭރިއަންޓްވަނީ ފެނިފައެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މި ގައުމުތަކުން ރާއްޖެއަށް މީހުން މަނާކުރިއިރު ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ވޭރިއަންޓް ފެނުނު ނަމަވެސް މިހާތަނަށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއްނުވެއެވެ.

comment ކޮމެންޓް