ޖަލުގައި ތިބި ބަންގްލަދޭޝް ގައިދީން ގައުމަށް ފޮނުވާލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ -- ފޮޓޯ/ ރައީސް އޮފީސް

ޖަލުގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝަށް ނިސްބަތްވާ ކުށްވެރިން އެ ގައުމަށް ފޮނުވާލުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ބަންގްލަދޭޝްގެ ސަފީރު މުހައްމަދު ނަޒުމުލް ހަސަން އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި އެ ގައުމުގެ 100 އެއްހާ ކުށްވެރިން ބަންދުކޮށްފައި އެބަ ތިއްބެވެ. އެ މީހުން ބަންދުކޮށްފައި ތިބީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޑްރަގް ޓްރެފިކިން ފަދަ މައްސަލަތަކުގައި ކަން ވެސް ސަފީރު ފާހަގަކުރައްވައިފައިވެއެވެ.

ސަފީރު އިތުރަށް ވިދާޅުވެފައިވަނީ މި މީހުންގެ ތެރެއިން 30 އެއް ހާ މީހުން އެނބުރި ގައުމަށް ފޮނުވާލުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން، ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ އަބްދުﷲ "ސަން"އަށް ވިދާޅުވީ ބަންގްލަދޭޝްގެ ކުށްވެރިން ފޮނުވާލުމަށް މަޝްވަރާކުރެވިފައިވަނީ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެކަންކަން ފުރިހަމަވާ ނަމަ ކަމުގައެވެ.

"މިސާލަކަށް ބުނަންޏާ ހުކުމުގެ ވަކި ވަރެއް ތަންފީޒުކުރުން ކަހަލަ، ނޫނީ ޝަރުއީ މަރުހަލާގެ ހުރިހާ މަރުހަލާއެއް ނިމިފަ ހުރުން ކަހަލަ، އެކަހަލަ ކޮންޑިޝަންތަކެއް ހިމެނޭނެ،" ހަފްސީ ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ދެ ސަރުކާރު ދެމެދުގައި ވެވޭ އެއްބަސްވުން ޑްރާފްޓު ކުރުމުގެ މަސައްކަތް ކަމަށް ހަފްސީ ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަފީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި އެ ގައުމުގެ ބައި ލައްކައެއް ހާ މީހުން ގަވައިދާ ހިލާފަށް ދިރިއުޅެމުން އަންނައިރު، ޖުމްލަ އަދަދު އެއް ލައްކައަށް އަރައެވެ.

ހަމައެހެންމެ ކޮވިޑްގެ ސަބަބުން އޭގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލި، މަގުމަތިވެފައިވާ ކަން ފާހަގަކުރައްވައި އޭނާ ވަނީ ބަންގްލަދޭޝް މަސައްކަތްތެރީންގެ ހާލަތު ރަނގަޅުކުރުމަށް އެމްބަސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް