ޕެންޝަން އޮފީހުގެ ހިދުމަތްތައް ހޯދަން މިހާރު ވަރަށް ފަސޭހަ

ކޮޝާރު ޕޯޓަލް އިފްތިތާހުކުރުން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް، އޮންލައިންކޮށް އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ތައާރަފުކޮށްފައިވަނީ މި މަހުގެ އެއްވަަނަ ދުވަހެވެ.

އެއާއެކު މިއީ އާންމުންނަށް އެ އޮފީހުގެ ހިދުމަތްތައް ހޯދުމަށް އެތައް ގޮތަކުން ލިބުނު ފަސޭހައެކެވެ. ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި ޕޯޓަލާއެކު ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތަކު ވެސް ހިދުމަތް ހޯދޭނެއެވެ. އަދި އާންމުނަށް އެހީތެރިވެ ދިނުމަށް ޓަކައި މި ޕޯޓަލުގައި ލައިވް ޗެޓް ފީޗާ ވެސް ވަނީ ހިމަނާފައެވެ.

ޕޯޓަލްގައި ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު އެ އޮފީހުން ވަނީ ހަމަޖައްސަައިދީފައެވެ. އެގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ މެންބަރުންނާއި، ޕެންޝަނަރުންގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަ ހިދުމަތްތައް ޕޯޓަލްގެ ތެރެއިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ޕެންޝަން ސްކީމުގައި ރަޖިސްޓްރީވުމުން އެ މީހެއްގެ އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯޓްފޯލިއޯ ބަދަލު ކުރުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ.

ހަމައެއާއެކު ސްކީމުން ލިބޭ ފައިދާތަކުގެ ތަފްސީލު ބެލުމާއި، ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓަރު ފަދަ ވަސީލަތްތައް ވެސް ޕޯޓަލްގެ ތެރޭގައި އެ އޮފީހުންވަނީ ގާއިމްކޮށްފައެވެ.

ޕެންޝަން އޮފީހުން ބުނާ ގޮތުގައި ޕެންޝަނަރެއްނަމަ ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅޭނެއެވެ. އަދި އެ މީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫންވެސް މައުލޫމާތުތައް ބަދަލުކުރުމަށް ވެސް ޕޯޓަލް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން ވަޒީފާ ދޭ ފަރާތުން މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމާއި ގުޅޭ ސްޓޭޓްމަންޓްތައް
ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތެއް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެއެވެ.

ޕެންޝަން އޮފީހުން ބުނީ މި ޕޯޓަލާއެކު އެ އޮފީހުގެ މަގްސަދަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުންކަމަށެވެ. އަދި ވަގުތު ސަލާމަތްކޮށްދީ އަވަސް ހިދުމަތެއް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުންކަމަށެވެ.

comment ކޮމެންޓް