ވިލިމާލޭގައި އިލެކްޓްރިކް ކާރު ދުއްވަދޭނެ ބަޔަކު ހޯދަނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި އިލެކްޓްރިކް ކާރު ނުވަތަ ބެޓެރި ކާރުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް 24 ގަޑިއިރު ދޭނެ ބަޔަކު ހޯދަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތަށް މީހަކު ނެގުމުގެ ގޮތުން ބިޑް ހުށަހަޅުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ގޮސް، މައުލޫމާތު ސާފުކުރުމަށް ފަހު ބިޑު ހުށަހެޅުމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެހެންމެ، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ބަޔަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ހޯމަ ދުވަހުގެ 14:00 ގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް އަގު ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 3025407 އަށް ގުޅުމުން ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން މާލެ ސިޓީ ކައުންސިލުން ނިންމައި، ވެހިކަލް ރަޖިސްޓްރީ ކުރަން އިއްޔެ ހުޅުވާލައިފައިވެއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލަން ނިންމީ ވިލިމާލެއަކީ އިންޖީނުލީ އުޅަނދު އާއްމު ގޮތެއްގައި ނުގެންގުޅޭ ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް