ކޮވިޑްގައި މީހަކު މަރުވެ، ޖުމްލަ އަދަދު 255 އަށް

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ. މޭ މަހަކީ މިހާތަނަށް ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަސް. (ސަން ފޮޓޯ/ފަޔާޒް މޫސާ)

ކޮވިޑް-19 ބަލީގައި މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 255އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށާއި އޭނާ މަރުވީ ރޭ 9:30 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މި ބަލީގައި އިއްޔެ ވެސް މީހަކު މަރުވެފައިވެއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު 6:30 ހާއިރުއެެވެ.

ރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އިއްޔެ ރާއްޖެއިން 116 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 25 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 81 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ ހަ މީހެކެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 92،211އަށް އަރާފައެވެ.

އިއްޔެ ރާއްޖެއިން ވަނީ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ފެނިފައެވެ.

އެޗްޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނީ މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް ކަމަށެވެ. އެ ފަތުރުވެރިޔާއަށް ޖެހިފައި ހުރީ ކޮވިޑްގެ އައު ވޭރިއަންޓުކަން ދެނެގަނެފައިވަނީ ޖީނޯމިކް ސީކުއެންސިން އިންނެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ދެނެގަނެވުމާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމުގައެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވަނީ "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށެވެ. އަދި އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމުގައެވެ.

comment ކޮމެންޓް