އިރަމް ދެލޯ މަރައި ބާރުކޮށްލީ، އައިޒަކް އޭނާގެ މޫނާއި ދިމާއަށް ގުދުވެލުމުންނެވެ. އައިޒަކްގެ ހޫނު ނޭވާގެ އިހުސާސާއިއެކު، އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ގުޑިލާންވެސް ނުކެރިފައި ހުރިއިރު، އޭނާގެ ދެއަތް ވަނީ މުށްކެވިފައެވެ.

ދާދި ކައިރިން އިރަމްގެ މޫނު ފެނުމުން، އައިޒަކްގެ ރުޅި ފިނިވިއެވެ. އެ އޮމާން މޫނުގައި ބީހިލަން އޭނާގެ ހިތް އެދުނެވެ. އެ މޫނުން ކޮންމެ ގުނަވަނަކަށް އައިޒަކްގެ ނަޒަރު ދަތުރުކޮށްލިއެވެ. ތުންފަތާއި ހަމައިން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން އޭނާއަށް އުނދަގޫވިއެވެ. އައިޒަކްއަށް ދެލޯ މަރައިލެވުނެވެ. އަމިއްލަ ނަފުސު ހުއްޓުވާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ހިތުގެ އެދުމަށް ކިޔަމަންވަމުން، އޭނާ އިރަމްގެ ދެކޯތާފަތުގައި ހިފަހައްޓައިލިއެވެ.

*********

އައިޒަކްއަށް ހަމަހޭވެރިކަންވީ، ޖީބުގައި އޮތް ފޯނު ރިންގްވާން ފެށި އަޑު އިވުމުންނެވެ. ދެލޯ ހުޅުވައިލި ވަގުތު، އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. އައިޒަކްގެ މޫނު ވަނީ އިރަމްގެ ތުންފަތާއި ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ. ކުރެވެން އުޅުނު ކަންތައް އެނގުމާއިއެކު، އައިޒަކް ކުއްލިއަކަށް އިރަމް އާއި ދުރަށްޖެހުނެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން އޭނާ ގޮސް އިރަމްގެ ކެބިންއިން ނުކުތެވެ.

ޖެހި ބުދެއްހެން، ގަބުވެފައި އިރަމް ހުއްޓެވެ. ނޭވާ ލާންވެސް އޭނާ ހަނދާންނެތިފައިވާ ކަހަލައެވެ. އައިޒަކް ގަސްދުގައި އިރަމް ތަޅުވަނީ ހެއްޔެވެ؟ އިރަމްގެ ދެލޮލުގެ ހިމަކޮޅުން ފޭދިގެން އައި ކަރުނަތަކުން ދެކޯތާފަތް ތެންމައިލިއެވެ.

ތުނބުން ރާގެއް ފުމެމުން އައިސް އިރަމްގެ ކޮޓަރިއަށް ވަން މާކިން ހުއްޓުން އެރީ، އިރަމް ހުރިގޮތް ފެނުމުންނެވެ. ދޮރު ހުޅުވައިލިގޮތަށް އިރަމްއަށް ބަލަން އޭނާ ހުއްޓެވެ. މާކިން ފެނުމާއިއެކު ކަރުނަތައް ފޮހެމުން އިރަމް ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

"ގުޑްމޯނިންގް މެޑަމް..." އެތެރެއަށް ވަންނަމުން މާކިން ވާހަކަދެއްކީ ގާތް ގޮތަކަށެވެ.

އިރަމް ހަމައެކަނި ބޯ ޖަހައިލީއެވެ. އެ ދުރުކަމުގެ ސަބަބުން މާކިންގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.

"މިއަދުގެ ޝެޑިއުލް..." އަތް ދިއްކޮށްލަމުން މާކިން އެދުނެވެ.

މޭޒުމަތީގައި ހުރި ލިޔުންތަކުގެ ތެރެއިން ފައިލެއް ނަގާފައި، އިރަމް އެ ފައިލު މާކިން އާއި ދިމާއަށް ދިއްކޮށްލިއެވެ. މާކިން ފައިލުގައި ހިފުމުންވެސް، އިރަމް އެ މޫނަށް ބަލައެއް ނުލައެވެ.

"މިއަދު ތިކުއްޖާއާއެކީ، ލިފްޓްގަ ހުއްޓެއްނު މީހެއް... ކޮން ޑިޕާޓްމެންޓެއްގަ އޭނަ ވޯކް ކުރަނީ؟..." މާކިން އަހައިލިއެވެ.

ކީބޯޑުގެ ފިތްތަކަށް ފިތަން އިން އިރަމްގެ އިނގިލިތަކުގެ ހަރަކާތް ވަގުތުން ހުއްޓުނެވެ. މާކިން އެ ސުވާލުކުރާނީ، އައިޒަކް ބުނެގެންކަން އިރަމްއަށް އެނގުނެވެ. އޭނާ މާކިންގެ މޫނަށް ބަލައިލީ، ނުތަނަވަސްވެފައި އިނދެއެވެ. އިރަމްގެ ރަތްވެފައިވާ ދެލޮލާއި، ކުޑަކޮށް ދުޅަވެފައިވާ މޫނު ފެނުމުން، މާކިންއަށް ހިންދިރުވައިލެވުނެވެ.

"އޯކޭ... ގޮސްލީއޭ... ފަހުން އަންނާނަން އަދި... މީތި ބަލާ މިއައީ..." އިރަމް ބަލައިލިގޮތުން ޖެހިލުންވެގެން މާކިން ބުންޏެވެ.

މާކިން ނުކުމެގެން ދިޔުމުން، އިރަމް ތެދުވިއެވެ. ފުން ނޭވާތަކެއްލަމުން ދެކޮޅަށް ހިނގަން ފެށިއެވެ. މާކިން އަނޫފާއި ބެހޭގޮތުން ސުވާލުކުރުމުން އިރަމްގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. މާޒީގައި ހިނގާފައިވާ ކަމެއްގެ ސަބަބުން، ގާތް އެކުވެރިންނަށް ދެރައެއް ލިބޭކަށް އިރަމް ބޭނުމެއް ނުވިއެވެ. އެތައް އިރަކު ވިސްނުމަށްފަހު، އިރަމް އޭނާގެ ކެބިންއިން ނުކުތެވެ. ޝާލިން ބުނިހެން އައިޒަކް އާއި ކުރިމަތިލުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. އައިޒަކްގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމެއްނެތި، އިރަމް އެތެރެއަށް ވަނެވެ. އޭރު އައިޒަކް އިނީ، އެއްޗެއް ކިޔާށެވެ. މާކިން ފެންނާކަށް ނެތެވެ. އިރަމް ދިޔަ ބާރުމިނުގައި ގޮސް، އައިޒަކްގެ މޭޒުގައި ދެއަތުން ޖެހިއެވެ.

އައިޒަކް އޭނާ ކިޔަން އިން ކަރުދާސްގަނޑު މޭޒުމަތީގައި ބާއްވައިލުމަށްފަހު، އިރަމްގެ މޫނަށް ބަލައިލިއެވެ. އެ ތުންފަތުގައިވީ، ލުއި ހިނިތުންވުމެކެވެ. އިރަމް އަންނާނޭކަން އޭނާއަށް އެނގޭ ކަހަލައެވެ. އިރަމް ރުޅި އައިސް ދެލޯ ހަނިކޮށްލައިގެން ހުރި ނަމަވެސް، އައިޒަކް އެކަން އެނގޭ ކަމަށްވެސް ހަދާނުލައެވެ.

"ޔެސް؟..." އައިޒަކް ސުވާލު ކުރިއެވެ. "ކޮން ކަމަކު؟...."

ބުނަން ބޭނުންވި އެތައް ވާހަކައެއް ހުރިނަމަވެސް، އިރަމްއަށް ހުރިހާ އެއްޗެއް ކިޔެމުންދިޔައީ ހިތުގެ އަޑިންނެވެ. ދުލުން އެންމެ ޖުމްލައެއްވެސް ބޭރެއް ނުކުރެވުނެވެ.

"މިތާ ތެރޭ އޮންނަންވާނީ ރަސްމީ ގުޅުމެއް..." އެތައް އިރަކު މަސައްކަތްކޮށްގެން އިރަމްއަށް ބުނެވުނީ އެންމެ ޖުމުލައެކެވެ.

"ހަމައެކަނި ބޮސްއާތަ؟... ނޫނީ އެހެން މުވައްޒަފުންނާވެސްތަ؟..." ލާނެތް ރާގަކަށް އައިޒަކް އަހައިލިއެވެ. "ކާކު އެއީ؟..."

"ވެރިމީހާ އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭނެ..." އައިޒަކް ސުވާލުކުރީ އަނޫފާއި ބެހޭގޮތުންކަން އެނގުނު ނަމަވެސް، އެ ސުވާލަށް ޖަވާބުދޭކަށް އިރަމް ބޭނުމެއް ނުވިއެވެ.

"ލިފްޓްތެރޭ އޭރު ހުރީ ކާކު؟..." އައިޒަކް އަނެއްކާވެސް އަހައިލިއެވެ.

"މިތާތެރޭ ކުރެވޭނީވެސް ރަސްމީ ސުވާލު..." އިރަމް ބުންޏެވެ.

"ފިރިމީހާތަ؟... ނޫނީ ބޯއީފްރެންޑްތަ؟..." އައިޒަކްގެ ސުވާލުތަކަށް ނިމުމެއް ނައެވެ.

"މިތާތެރޭ ދެކެވެންވާނީ މަސައްކަތާ ގުޅޭ ވާހަކަ އެކަނި..." އިރަމް ބުންޏެވެ.

"އޯކޭ..." އައިޒަކް ތެދުވިއެވެ. "އަހަންނަށް ޔަގީން އިރަމްގެ ފިރިއެއް ނެތްކަން..."

އިރަމް އާއި އެހެން ފިރިހެނަކާއި ދެމެދު އެހާ ގާތް ގުޅުމެއް އޮތުމުން، އައިޒަކްގެ ހިތުގައި ވަނީ ހަސަދައިގެ ހުޅު ރޯވެފައެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން ބޭނުންވި ނަމަވެސް، އިރަމް ކުރިމަތީގައި ހުރެއްޖެނަމަ، އޭނާއަށް އެ ހިތްވަރެއް ނުލިބެއެވެ. ގިނަފަހަރު ހަމަވިސްނުން ލިބެނީވެސް ކަންވެ، ނިމޭފަހުންނެވެ.

މޭޒު ވަށާލާފައި އައިޒަކް އިރަމް އާއި ދިމާއަށް ދާން ފެށުމުން، އިރަމް ޖެހިލުންވެގެން ފަހަތަށް ޖެހިލިއެވެ. އައިޒަކްގެ ނިޔަތަކީ ކޮބައިކަން އިރަމްއަށް އެނގުނު ކަހަލައެވެ. އައިޒަކް އެދިޔަ ބާރުމިނުގައި އިރަމްގެ އަތުގައި ހިފައިގެން ކެބިންއިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އިރަމް ގަދަހަދަމުން ދިޔައީ، އައިޒަކްގެ އަތް ނައްޓުވައިލެވޭތޯއެވެ. ކެބިންއިން ނުކުމެގެން އައިޒަކް ގޮސް ވަނީ ލިފްޓަށެވެ. ބައެއް މުވައްޒަފުން ގޮނޑިން ތެދުވެގެން ވާނުވާ ބަލަން އުޅެންފެށިއެވެ. އިރަމް ހުރީ ރޮވޭވަރުވެފައެވެ. އެހެން މުވައްޒަފުންގެ ކުރިމަތީގައި އޭނާއަކީ އަބަދުވެސް ނަމޫނާ ދައްކާ މީހެކެވެ. ނަމަވެސް އައިޒަކްގެ ސަބަބުން އެކަން ބަދަލުވެދާނެކަމުގެ ބިރު އިރަމްގެ ހިތުގައި އުފެދުނެވެ.

ލިފްޓްގެ ދޮރު ލެއްޕުމާއިއެކު، އައިޒަކް އިރަމްގެ އަތުން ދޫކޮށްލިއެވެ.

"އިސްމާއިލް އަނޫފް... އޭޖް، ޓުވެންޓީ ތްރީ..." އައިޒަކް ބުންޏެވެ.

ވަޒީފާއަށް އައި ދެވަނަ ދުވަހު މުވައްޒަފެއްގެ ފުރިހަމަ ނަން އައިޒަކް ބުނިގޮތުން އިރަމްއަށް ލިބުނީ ހައިރާންކަމެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނޫފާއި ބެހޭ މައުލޫމާތު އައިޒަކް ހޯދާފައިވާކަން އެނގުމުން، އިރަމް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"އޭނަ ކައިރީ ބުނޭ އޮފީހުގަ އުޅެންޖެހޭގޮތުގެ ގައިޑްލައިން ހިތުދަސްކުރާށޭ..." އައިޒަކް އަމުރުވެރި ރާގަކަށް ބުންޏެވެ.

"ވެރިމީހާއަށްވެސް ބުނެވޭނެއެއްނު..." އިރަމް ވާހަކަދެއްކީ ރުންކުރު ރާގަކަށެވެ.

"ތީގެ މާނައަކީ އެއީ އިރަމްގެ ބޯއީފްރެންޑޭތަ؟..." އައިޒަކް އަހައިލިއެވެ.

އިރަމް އެއްޗެއް ނުބުނެ ތުން ފިއްތާލައިގެން ހުރީއެވެ.

"އޭނަ އެއްވެސް ވަރަކަށް ނުގުޅޭ އިރަމްއަކާ..." އައިޒަކް ބުންޏެވެ. "ދެމީހުންގެ އޭޖްވެސް..."

ދެންވެސް އިރަމް އެއްޗެއް ނުބުންޏެވެ. ލިފްޓްގެ ސްވިޗްތަކަށް ފިތަމުން ދިޔައީ، އައިޒަކްގެ ކައިރިން ސަލާމަތްވާށެވެ. އައިޒަކްގެ ކެތްތެރިކަން ކޮޅުންލިއެވެ. އިރަމްގެ އަތުގައި ހިފައި ދަމާލާފައި ގެންގޮސް، ބިތުގައި ޖައްސައިލިއެވެ. އެއަށްފަހު، އިރަމްއަށް ނުނުކުމެވޭނޭހެން، އިރަމްގެ ދެފަރާތުން ދެއަތް ޖައްސައި މެދުގައި ހައްޔަރުކޮށްލިއެވެ.

"އެއީ ރަނގަޅު މީހެއްނޫން... ރަނގަޅު މީހުން އެގޮތަށް ގަޔަށް އަތްލާ ނުހަދާނެ..." އިރަމްގެ ދެލޮލަށް ބަލަން ހުރެ އައިޒަކް ބުންޏެވެ.

އިރަމް ދެލޯ ބޮޑުކޮށްގެން އައިޒަކްގެ މޫނަށް ބަލަން ހުއްޓެވެ. އައިޒަކްގެ ނުރައްކާތެރިކަން އޭނައަށް މާ ބޮޑޭ ބުނަން އެ ހިތް އެދެމުން ދިޔައެވެ. އެކަމަކު، އައިޒަކްގެ އެންމެ ގާތްވެލުމަކުންވެސް އިރަމްގެ ހުރިހާ ހަރަކާތެއް ހުއްޓިދެއެވެ. ހިތުގެ ހިނގުން މަޑުޖެހިލައެވެ.

"އޭނަ ކައިރީ ބުނޭ، މިތާތެރޭ އެގޮތަށް ނޫޅެ، ކޮންމެސް އެހެންތާކު އުޅޭށޭ..." އެއްޗެއް ޔަގީންކޮށްލާ ފަދައިން އައިޒަކް ބުންޏެވެ. "އެންމެ ވަގުތުކޮޅަކުވެސް އޭނައާ ދުރުގަ ނުހުރެވޭނެތަ؟... ނޫނީ ކީއްވެ އޭނައާ މެރީނުކުރަނީ؟... ބޭބީއެއްވީމަތަ؟..."

ލިފްޓް ހުޅުވުމާއިއެކު، އިރަމް އުޅުނީ އައިޒަކްގެ އަތްދަށުން ދެމިގަންނާށެވެ. އައިޒަކް ކުރިއަށްވުރެ ބޮޑަށް އިރަމް އާއި ގާތްވެލިއެވެ. ލިފްޓަށް ވަނުމަށް މަޑުކޮށްލައިގެން ތިބި މުވައްޒަފުންނަށް ފެނުނު މަންޒަރުން، އެތެރެއަށް ވަންނަން ނުކެރިފައި ތިއްބެވެ. އައިޒަކް ހިމޭނުން ހުރީ، ދޮރު ލެއްޕެންދެނެވެ. ޓެރެސްއަށް ދެވޭ ބައިގެ ސްވިޗަށް އޭނާ ފިތައިލިއެވެ.

"އަހަރެންގެ ފިރިއެއް ނުހުންނާނެ... ބޯއީފްރެންޑެއްވެސް ނުހުންނާނެ..." އަޑަށް ބާރުލަމުން އިރަމް ބުންޏެވެ.

އިރަމްގެ ޖުމްލައިން އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"އަހަރެންގެ ނެތް އެކަކުވެސް... ހެޕީތަ؟..." އިރަމްގެ އަޑުގައި ނޭނގޭ ރިހުމެއްގެ އަސަރު ވިއެވެ. ދެލޮލުން ކަރުނަ ފާއްދައިލުމާއިއެކު، އޭނާ އިސްޖަހައިލިއެވެ.

އައިޒަކްގެ ހިތަށް ތަދުވިއެވެ. އިރަމްގެ ހިތުގެ ހާލު އިހުސާސްކުރެވުނު ފަދައަކުން، އޭނާ އިރަމް އާއި ދުރަށްޖެހުނެވެ. އިރަމްގެ އެކަކުވެސް ނެތޭ ބުނީ ކީއްވެ ހެއްޔެވެ؟ އޭނާ ހީކުރީ، އެ އަންހެންކުއްޖާގެ ދިރިއުޅުން ވަރަށްވެސް އުފާވެރިވާނެ ކަމަށެވެ. ޓެރަސް އާއި ހަމައަށް ގޮސްފައި ލިފްޓްގެ ދޮރު ހުޅުވުނެވެ. ދެމީހުންކުރެ އެކަކުވެސް ނުނުކުމެއެވެ. ދޮރު ލެއްޕުމާއިއެކު، ތިރިއަށް ދިޔުމަށް އައިޒަކް ސްވިޗަށް ފިތައިލިއެވެ.

ދެމީހުންގެ މެދުގައި ރަސްކަން ކުރަމުންދިޔައީ ހިމޭންކަމެވެ. އައިޒަކްގެ ކޮންމެ އަމުރަކަށް ކިޔަމަންވާ ފަދައަކުން، ލިފްޓްގެ ތެރެއިން އިރަމް ނުކުތެވެ. އިރަމް ގޮވައިގެން އައިޒަކް ދިޔައީ، އޮފީސް ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. އޮފީސް ބައެއް މުވައްޒަފުން އެތަނުގައި ކާން ތިބި ވަގުތެކެވެ. އެމީހުން ފެނުމުން، އިރަމް ހުރީ އެތެރެއަށް ވަންނަން ނުކެރިފައެވެ. އައިޒަކްއަށް ކޮންމެ ގޮތެއްވެސް ވަރިހަމަ ކަހަލައެވެ. ކޮންމެ މީހަކަށް ފެނުނު ނަމަވެސް، އޭނާގެ ފަރުވާލެއް ނެތެވެ. އިރަމް ނުވަންނަން ހުރިތަން ފެނުމުން، އޭނާ އުޅުނީ އިރަމްގެ އަތުގައި ހިފާލާށެވެ. އިރަމް އަވަހަށް އެތެރެއަށް ދެމިގަތެވެ.

"އޭތް އޭތް... ބަލާބަލަ އެއޮއް ކަމެއް..." އިރަމް އާއި އައިޒަކް ދައްކައިލަމުން، އުނޫޝާ ބުންޏެވެ. "ދެމީހުންގެ ކޮން ގުޅުމެއްބާ އޮތީ؟... ކޮންމެސް ނުބައެއް އެބައުޅޭ... ދެންމެ ލިފްޓްތެރޭވެސް އުޅުންގޮތް ދެކުނީމެއްނު..."

އުނޫޝާއަކީ، އިރަމްގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާއާއި އެކުގައި ތިބީ، ޒިމްނާ އާއި އަމީރާއެވެ. ތިންމީހުންވެސް ތިބީ އިރަމްއަށް ކަޅިއަޅާލައިގެންނެވެ.

"އެވާނީ އިރަމްގެ އުނދަގޫ ބޮޑުވީކަމަށް... ރީތި ސިފައެއް ލިބުނީމަ ބައެއް އަންހެނުން ތެޅޭ ވައްތަރެއްނު އެއީ..." ޒިމްނާ ހިތް އަނދައިގަތެވެ.

"ޒިމޫ ހާދަ ހީވެއޭ އޭނައާ ލައިކްވާހެން..." އުނޫޝާ ދިމާކުރިއެވެ.

"އަހަރެން އައިޒަކް ސެޓުކުރާނަން... ބަލައްޗޭ..." ޒިމްނާ ބުންޏެވެ.

އިރަމް އިށީނުމަށް އައިޒަކް ގޮނޑި ދަމާލަދިނެވެ. އިރަމް ގަސްދުގައި ނޭނގޭކަމަށް ހަދަމުން އެހެން ގޮނޑިއެއްގައި އިށީނެވެ.

"އެއްޗެއް ކާނީ ދޯ؟..." ގޮނޑީގައި އިށީންނަމުން އައިޒަކް އަހައިލިއެވެ.

އިރަމް އައިޒަކްގެ މޫނަށް ބަލައިލީ، ދެލޯ އަޅައިލަމުންނެވެ. އައިޒަކްގެ މޫނުން ކަމެއް ވީހެންވެސް ހީނުވެއެވެ. ދެއިރު ދެކުލަ ދައްކަން އައިޒަކްއަށް އެހާ ފަސޭހަވާއިރު، އިރަމްއަށް އެއީ ފަސޭހަކަމަކަށްނުވަނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ތީ ބޯވައެއްތަ؟... އެކި އިރަށް ކުލަ ބަދަލުކުރަން..." އިރަމް ނުރުހިފައި ބުންޏެވެ.

އައިޒަކް ލުއިގޮތަކަށް ހީލިއެވެ.

"ކޯއްޗެއް ގެންނާނީ؟..." އައިޒަކް އަހައިލީ، ވޭޓަރު ދިއްކޮށްލި މެނޫ އިރަމްގެ ކައިރިއަށް ޖައްސައިލަމުންނެވެ.

"ކޮފީއެއް..." ދުރުބަލަހައްޓައިގެން އިނދެ، އިރަމް ބުންޏެވެ.

އައިޒަކްއަށް ހެވުނެވެ. އިރަމް ހާދަ މައުސޫމެވެ. ތުންކޮޅު ފިއްތާލައިގެން އިންނައިރު، ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ހިތާއިހިތުން އެ އަންހެންކުއްޖާ އޭނާއާއި ދިމާއަށް ކިޔާނޭ އެއްޗެހި އައިޒަކްއަށް އެނގުނު ކަހަލައެވެ. އިރަމްގެ ރުޅި އޭރުވެސް ފިންޏެއް ނުވެއެވެ. އައިޒަކް އުޅޭގޮތުން ހީވަނީ، އޭނައަކީ ހަމައެކަނި އައިޒަކްގެ ހައްގެއް ހެންނެވެ.

"ޓޫ މިލްކް ކޮފީ..." ވޭޓަރަށް އިޝާރާތްކޮށްލަމުން އައިޒަކް ބުންޏެވެ.

އިރަމް ކުޑަކޮށް ސިހިފައި އައިޒަކްއަށް ބަލައިލިއެވެ. ކަޅުކޮފީގެ ވަސް ޖެހުމުންވެސް އިރަމްއަށް ވާގޮތް އައިޒަކްގެ ހަނދާނުގައި ހުރީ ހެއްޔެވެ؟ އެހާ ދުވަސް ފަހުންވެސް އައިޒަކްގެ ހަނދާނުން އެހާ ކުޑަކުޑަ ކަމެއްވެސް ފިލައިގެން ނުދާތީ، އިރަމް ހައިރާންވިއެވެ. އެކަމަކު، އައިޒަކް އެހެން ބުނީތީވެސް، އޭނާގެ ކުރިމަތީގައި ކިރުކޮފީއެއް ނުބޯން އިރަމް ނިންމިއެވެ.

"އަހަންނަށް ގެންނާނީ ކަޅު ކޮފީއެއް...." ވޭޓަރު ދިޔުމުގެ ކުރިން އިރަމް ބުންޏެވެ.

އައިޒަކް ހައިރާންވެފައި އިރަމްގެ މޫނަށް ބަލައިލިއެވެ.

"ހާލަތާއެކީ ބަދަލުވާނެ ކިތަންމެ ކަމެއް ހުންނާނެ..." އިރަމް ބުނީ މާނަފުން ޖުމުލައެކެވެ.

އައިޒަކް ބޯ ޖަހައިލިއެވެ. އެމޫނު މިލައިގެން ދިޔަތަން ފެނުމުން އިރަމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ ބޭނުންވީ ގަސްދުގައި އައިޒަކްގެ ހިތަށް ތަދުކުރާށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު