ޔާމީން އެދިވަޑައިގަތީ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ހޯދުމަށް

ރައީސް ޔާމިން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތްތަކުގެ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގަތީ 2.4 މިލިއަން ރުފިޔާ ހޯދުމަށް ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީންގެ މައްޗަށް 28 ނޮވެމްބަރު 2019 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން
ހުކުމް ކުރުމާ ހަމައަށް އިނާޔަތުގެ ގޮތުގައި ލިބެމުން އައީ އެއް ލައްކަ ރުފިޔާ ކަމަށެވެ.

އެއީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ އެ މަނިކުފާނަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވާ ބޭފުޅެއް ކަމަށް ނުވާތީ، އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ 175,000 ރުފިޔާ މިހާތަނަށް ދުވަހަކު ވެސް ނަންގަވައިފައި ނުވާ ކަމަށެވެ.

އެހެންކަމުން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތް ހޯދުމަށް އެދިފައިވާނީ، ކޮންމެ މަހަކަށް އެއް ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެ އަހަރަށް ވާ އަދަދު ބަލާނަމަ، އެއީ 24 ލައްކަ ނުވަތަ 2.4 މިލިއަން ރުފިޔާއެވެ.

ބަންދުގައި ހުންނެވި އިރުގެ އިނާޔަތްތައް ހޯދުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ޔާމީންގެ ވަކީލުން ސިޓީ ފޮނުވައިފައިވާއިރު، އެ މިނިސްޓްރީން މިހާތަނަށް ވަކި ގޮތެއް ނިންމައިފައިނުވެއެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު އެ މަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.

ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ.

ނަމަވެސް މިދިޔަ މަހުގެ 30ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އަލުން އެ މަނިކުފާނަށް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން އެ މަނިކުފާނަށް ފޯރުކޮށްދޭންވަނީ ފަށާފައެވެ.

comment ކޮމެންޓް