ޔާމީންގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ!

ރައީސް ޔާމީން އަބްދުލްގައްޔޫމް-- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މާދަމާ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެކެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާ އުފުލައިފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

މީގެ އިތުރުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. ވެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެސް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ޔޫސުފް ނައީމަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރެވެ. އެ މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް