ވިލުފުށީ ބަނދަރު ތެރެއަށް އޮޑިފަހަރު ބީހެނީ، ކައުންސިލްގެ ކަންބޮޑުވުން!

ތ. ވިލުފުށީ ބަނދަރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ތ. ވިލުފުށީ ބަނދަރު ތެރެއަށް އޮޑި ފަހަރު ބީހުން އިތުރުވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިލުފުށީގެ ބަނދަރު ތިލަވެ، އެ ރަަށަށް އަންނަ ބޮޑެތި އޮޑިފަހަރަށް ލަފާ ފުރުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން "ސަން"އަށް ވިދާޅުވީ ބަނދަރަށް ދޯންޏެއް ބީހުމުން އެހެން ދޯނިތަކަށް ބަނދަރު ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިތަނަށް މުދާ ބަރުކޮށްގެން ބޮޑު އޮޑިއެއް ވަދެއްޖިއްޔާ ގިނަ ފަހަރަށް ހަމަ ބީހޭ," ޖަބީން ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަނދަރަކީ ވަރަށް ކުރިން ހަދައިފައިވާ ބަނދަރަކަށްވެފައި، އަދި ހަނި ބަނދަރަކަށްވުމުން މިކަމުގެ އުނދަގޫ ބޮޑަށް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަނދަރުގެ ކަންބޮޑުވުން، ކައުންސިލުން ސަރުކާރާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލުފުށީ ބަނދަރުގެ ފުޅާމިނުގައި 250 ފޫޓު ވެސް ހަމަ ނުވެއެވެ. އަދި ދިގުމިނުގައި 1150 ފޫޓު ހުރެއެވެ. މި ބަނދަރަކީ ސުނާމީ ރިކަވަރީ ޕްރޮޖެކްޓްގެ ތެރެއިން ހަދައިފައިވާ ބަނދަރެކެވެ.

ސުނާމީ ކާރިސާއަށްފަހު ވިލުފުށީ ރައްޔިތުން އެ ރަށުގައި އަލުން އާބާދުވީ 2009ވަނަ އަހަރުގައެވެ. މި ބަނދަރު ބޭނުން ކުރަން ފެށީ ވެސް އެ އަހަރުގައެވެ.

comment ކޮމެންޓް