ޑޯނިއާ ފްލައިޓު އަވަހަށް ފޮނުވައިދިނުމަށް އެދި، އާދަމް ޝަރީފް އިންޑިއާގައި އާދޭސް ދަންނަވައިފައިވޭ: އަނދުން ހުސެއިން

ރައްޔިތުންގެ މަޖިލީުގެ 241 ކޮމިޓީގައި ހެންވޭރު ދެކުނު މެމްބަރު ހުސައިން ޝަހީމް -- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އިންޑިއާއިން ފޮނުވާ ޑޯނިއާ ފްލައިޓުތައް ފޮނުވައިދިނުން އަވަސް ކޮށްދިނުމަށް އެދި، އެއިރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާއަށް ސިޓީ ފޮނުވައި، އެކަމަށް އާދޭސް ދަންނަވައިފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގެ މައްސަލަތައް، މަޑޫއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް 241 ކޮމިޓީގެ ސަމާލުކަމަށް ގެނައުމާއެކު އެ މައްސަލަ ދިރާސާކޮށްފައިވާނެ ކަމަށެވެ.

އެހެންނަމަވެސް ކޮމިޓީގެ ބައްދަލުވުންތަކަށް އާދަމް ޝަރީފް ހާޒިރުވެފައިނުވާ ކަމަށާއި ކޮމިޓީގެ ރިޕޯޓު ފާސްކުރި ދުވަހު ހުށަހަޅައިފައިވާ އިސްލާހުތަކަކީ ވެސް ދެ ގައުމުން ވެފައިވާ ކަންކަމަށް މުޅިން ފުށޫ އަރާ ފަދަ އިސްލާހުތަކެއް ކަމަށެވެ.

"އަތޮޅުތެރޭގެ ރަށްރަށުގެ ހަރުގެ ތަކުގަ ހިނގައިފާނެ ކަމަށް ދެކިވަޑައިން ލައްވައިފަ ހުރި އިސްލާހުތަކެއް ކަމަށް އަޅުގަނޑު ދެކެނީ،" އަނދުން ހުސެއިން ވިދާޅުވިއެވެ.

އަނދުން ހުސެއިން ވިދާޅުވީ ކޮމިޓީން ރިޕޯޓު ދިރާސާކުރުމުގައި މީގެ ކުރީގެ ސަރުކާރުތަކުގައި އެއްބަސްވުންތަކާއި އެކަންކަމާ ގުޅޭ ކަންކަން ހިނގައިފައިވާ ގޮތް ވެސް ސާފުވެގެން ދިޔަ ކަމަށެވެ.

ކޮމިޓީން ބެލި ބެލުމުގައި ޑޯނިއާ ފްލައިޓަކީ ވެސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށް ވިދާޅުވިއެވެ.

"އާދަމް ޝަރީފް އެ ޑޯނިއާ ފްލައިޓެއްގެ ވާހަކަ ސަރުކާރާ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދޭތެރޭ ދެކެވިފަ އޮތީމަ، އަދި އޭތި ލަސްވެގެން އޭތި އަވަހަށް ފޮނުވައިދިނުމަށް ވެސް ސިޓީއެއް ފޮނުވައި، ވަރަށް އާދޭސް ދެންނެވޮ، މިކަން ވެސް ގޮސްފައި އޮތީ އެހެން،" އަނދުން ހުސެއިން ވިދާޅުވިއެވެ.

ހަމައެހެންމެ އުތުރުތިިލަފަޅު އެއްބަސްވުމަކީ ވެސް 2016 އިން ފެށިގެން މަޝްވަރާ ކުރަމުން އައިސް، ވެވިފައިވާ އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއިރު އެއްބަސްވެވިފައި އޮތީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަނދުން ހުސެއިން ވިދާޅުވީ މި ސަރުކާރުން އެ އެއްބަސްވުމަށް ގެނެސްފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފައިދާވާނެ ގިނަ ބަދަލުތަކެއް ކަމަށެވެ. އެގޮތުން ޖޮއިންޓްކޮށް ހިންގަން އޮތް ހަރަކާތް މި ސަރުކާރުން ސާވިސަސް އެންޑް ސަޕޯޓު އެއްބަސްވުމަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން ނިންމައިފައިވަނީ މައްސަލައެއް ނެތް ކަމަށެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ވަނީ މި މައްސަލައިގައި އިންޑިއާއާއެކު ވެފައިވާ ތިން އެއްބަސްވުމެއް ދިރާސާކޮށްފައެވެ. އެގޮތުން ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ރާއްޖެއަށް އިންޑިއާ އިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގެ އިތުރުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުން ވަނީ ކޮމިޓީން ދިރާސާކޮށްފައެވެ.

ކޮމިޓީގެ ހޯދުންތަކަށް ބަލައި، އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށާއި، އަދި މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ގައުމަށް ނުހަނު ފައިދާވެގެންދާނެ ކަމެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް