ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ބީއެމްއެލްއިން މާފަށް އެދިއްޖެ

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ބުރުއެރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މާފަށް އެދިވަޑައިގެންފިއެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓިމް ވިދާޅުވީ މިފަދަ ކަމެއް މުސްތަގުބަލުގައި ތަކުރާރު ނުވާނެ ކަމަށެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

އޮންލައިންކޮށް ބީއެމްއެލްއިން ދެމުން އަންނަ ހިދުމަތްތަކަށް ބުރު އަރަން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއީ ބީއެމްއެލްގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑު އަޕްގްރޭޑިން މަސައްކަތެއް ކުރި ފަހުން ދިމާވި މައްސަލަތަކެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

"މި މަހުގެ 21 ވަނަ ދުވަހު ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ވަނީ ނިންމާލެވިފަ. އެއީ ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއް. އަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކީ 24 ގަޑިއިރު ރައްޔިތުންނަށް ފަސޭހަކަމާ އެކު ހިދުމަތް ދިނުން. ނަމަވެސް މިދިޔަ ހަފްތާ ވަނީ އެކަމަށް ހުރަސްތަކެއް އެޅިފަ،" ޓިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބީއެމްލްގެ މުވައްޒަފުން އަންނަނީ ކެނޑިނޭޅި އެކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށާއި ހުރިހާ ސިސްޓަމެއްވެސް ސްޓޭބަލް ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ މި ދިމާވި މައްސަލައިގެ ރިވިއުއެއް ވެސް ހަދަމުން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް އެއީ އެއްވެސް ކަސްޓަމަރަކަށް ދަތިތަކެއް ކުރިމަތި ވާނަމަ މެސެޖަކުން ވިއަސް އަޅުގަނޑުމެންނަށް އަންގައިދިނުން،" ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ޓިމް ވިދާޅުވީ ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދިމާވެދާނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން ޓިމް ވަނީ ދެއްވާފައެވެ.

comment ކޮމެންޓް