އޭސީސީގެ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލައިފި

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލައިފައިވަނީ މީގެ ކުރިން އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަލީ އަޝްރަފް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 12:30އާ ހަމައަށެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށުގެ ރެކޯޑުގެ ފޯމު ރައީސް އޮފީހުން ދޫކުރާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 15 އަދި 16 ވަނަ ދުވަހެވެ. އެގޮތުން މި ދެ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30އާ ދޭތެރޭ ފޯމު ބަލައިގަންނާނެއެވެ.

އޭސީސީ އެކުލެވިގެންވަނީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ހިމެނޭގޮތުން ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ.

އަޝްރަފް އިސްތިއުފާ ދެއްވުމާއެކު މިވަގުތު މެންބަރުންގެ ގޮތުގައި ތިބީ އެ ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާއާއި، ނައިބު ރައީސާ ފާތުމަތު އަނޫލާއާއި، މެންބަރު އިބްރާހިމް ޝަކީލްގެ އިތުރުން މެންބަރު އައިޝަތު އަބްދުﷲއެވެ.

comment ކޮމެންޓް