ފަހު ވަގުތު ލިވަޕޫލަށް ގޯލުޖަހައިދިނުމާއެކު އޮރީގީ އަކީ ލެޖެންޑެއް ކަމަށް ކްލޮޕް ބުނެފި

ޔާގަން ކްލޮޕް އަދި ޑޮވިކް އޮރިގީ-

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ވުލްވްސް ބައްދަލުކުރިމެޗުގެ ފަހު މިނެޓުގައި ޑިވޮކް އޮރީގީ ގޯލު ޖަހައި ލިވަޕޫލު މޮޅުވުމުން، އޭނާ އަކީ ފުޓުބޯޅައިގެ ލެޖެންޑެއް ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މޮލިނެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މުހިއްމު ގޯލު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އޮރީގީއެވެ. މުހައްމަދު ސަލާހު އޭރިއާ ތެރެއަށް ވަދެ ދިން މޮޅު ޕާހަކުން ވާތު ފައިން ގޯލަށް އަމާޒުކޮށް އޮރީގީ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލަދިނީ އިތުރު ވަގުތުގެ އެއް މިނެޓަށް ވެފައި ވަނިކޮށެވެ.

ސްކައީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނެފައިވަނީ އޮރީގީގެ ގޯލަކީ ތަފާތު މޮޅު އަދި ޓީމަށް ވަރަށް މުހިއްމު ގޯލެއް ކަމަށާއި އޭނާއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"އޮރީގީ އަކީ ލެޖެންޑެއް. އަހަރެން ހަޔާތުގައި ދެކުނު އެންމެ މޮޅު ނިންމުން ނިންމާ ކުޅުންތެރިންގެ ލިސްޓުގައި އޭނާ ހިމެނޭ. މި ޓީމަށް އޭނާ އަބަދަކު ނާރާ. އެހެންނަމަވެސް، އޭނާ އަކީ ވަރަށް ޕޮޒިޓިވް މީހެއް. އަބަދުވެސް ކުލަބުދެކެ ލޯބިވާ އިހުތިރާމް ކުރާ އަދި އިތުރުން ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެއް" ކްލޮޕް ބުނެފައިވެއެވެ.

ދެވަނަ ހާފުގައި އިތުރު ވަގުތަށް ދެއްކި ހަތަރު މިނެޓުގައި ރޭ ޖެހި ގޯލާއެކު މި ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ އޮރީގީ ވަނީ ލިވަޕޫލަށް ޖުމުލަ 10 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިހާތަނަށް އެއްވެސް ބެންޗުން އަރާ ކުޅުންތެރިއަކަށް މި ލީގުގައި ކުލަބަށް މިހާ ގިނަ ލަނޑު ކާމިޔާބު ކޮށްދެވިފައެއް ނުވެއެވެ. ހަމައެއާއެކު އެއީ 90 މިނެޓު ހަމަވުމަށްފަހު މި ލީގުގައި ލިވަޕޫލްގެ 39 ވަނަ ވިނިން ގޯލެވެ.

ލިވަޕޫލް ކުޅުންތެރިޔާ ޑޮވިކް އޮރީގީ ބޯޅަ ގޯލަށް ފޮނުވާލުމަށްފަހު

ސްކައީ ސްޕޯޓްސް އިން އޮރީގީގެ އިންޓަވިއުގައި އެޓީމުގެ ކެޕްޓަން ހެންޑަސަން ބާލުމަށްފަހު އޭނާ ދަނޑަށް އަރުވަމުން ކްލޮޕް ބުނީ ކީކޭތޯ ސުވާލުކޮށްފައިވެއެވެ.

"މެނޭޖަރު ބުނީ މަސައްކަތް ކުރާށޭ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް. އިތުރަށް ހިތްވަރު ދޭށޭ. ޓީމަށް އެހީވާށޭ." އޮރިގީ ބުނެފައިވެއެވެ.

އޮރީގީ ޖެހިގޯލާމެދު ހިތްހަމަޖެހޭ ކަމަށާއި ތިން ޕޮއިންޓް އެ ޓީމަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެވުނީތީ ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެމެން އައީ ވަރަށް ގިނަ ތައްޔާރީތައް ވަމުން. ހަގީގަތުގައި އަހަންނަށް އިހުސާސް ކުރެވެނީ މި ހަފްތާއަކީ ކާމިޔާބު ހަފްތާއެއް ގޮތުގައި" އޮރިގީ ބުނެފައިވެއެވެ.

ކްލޮޕްގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ ފުންނާބު އުސް ކުރީގެ ކުޅުންތެރިންގެ އިތުރުން ފުޓުބޯޅައިގެ ދުނިޔޭގައި މަޝްހޫރު އެތައް ބަޔަކު ރޭ އޮރިގީ ޖެހި "ލާސްޓް މިނެޓް ގޯލް" އަށް ތައުރީފުކޮށްފައިވެއެވެ.

ރޭގެ މެޗުން މޮޅުވުމާއެކު ލިވަޕޫލުން ވަނީ 15 މެޗުން 34 ޕޮއިންޓާ ހޯދައިގެން ތާވަލުގެ ދެ ވަނައިގައެވެ. ރޭ މެންޗެސްޓާ ސިޓީ ވޮޓްފޯޑް ބަލިކޮށްގެން ސިޓީ އޮތީ 35 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. ހަމައެހެންމެ ތާވަލުގެ ތިންވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓް ހޯދައިގެން ޗެލްސީއެވެ.

މި ލީގުގެ ހަތަރު މެޗެއް މިއަދު ވެސް ކުޅުމަށް ހަމަޖެހިފައިވާއިރު ޓޯޓެމްހަމް ނޯވިޖް ސިޓީ ބަލިކޮށްފިނަމަ 25 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ޖެހިލާނެއެވެ.

comment ކޮމެންޓް