މާއިޒް ކިޔައިދެނީ އިހުސާސްތައް، އެންމެންގެ ސަމާލުކަން އެ ވާހަކަތަކަށް

ރޭ ބޭއްވި ރިވެލި އެވޯޑްގެ ތެރެއިން -- ފޮޓޯ/ އަލީ ނިޒާރު

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ "ރިވެލި އެވޯޑް" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެންމެންގެ ސަމާލުކަން ހުއްޓުނީ ހއ. އިހަވަންދޫ ޑައިމަންޑް ކްލާހުގެ ދަރިވަރު މުހައްމަދު މާއިޒު ދެއްކި ވާހަކަ ތަަކަށެވެ.

ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝުއޫރު ފާޅުކުރުމަށް ޖަލްސާގައި ވާހަކަ ދައްކަމުން މާއިޒު ބުނީ މިއީ ހަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"މި އުފާވެރިކަން އަޅުގަނޑަށް މި ލިބެނީ، މިރެއަކީ އަޅުގަނޑުގެ ހަޔާތުގަ އެންމެ ފުރަތަމަ ފަހަރު ވަރަށް ޝަރަފުވެރި އެވޯޑެއް އަޅުގަނޑަށް ލިބޭ ރެެއެއް ވީމަ،" ރިވެލި ތަރީގެ އެވޯޑް ހާސިލު ކުރި މާއިޒު ވާހަކަ ފެށީ އެވޯޑު ލިބުމުން ކުރެވޭ އިހުސާސްތަކުންނެވެ.

އެކަމަށްޓަކައި ރައީސަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމުން މާއިޒު ބުނީ، ކޮންމެ އިންސާނަކަށް ވެސް ލޯތްބާއި އޯގާތެރިކަން ވަރަސް މުހިންމު ކަމަށެވެ.

ލޯތްބާ އޯގާތެރިކަމާ ނުލާ ނޫޅެވޭނެ ކަމަށާއި، ހާއްސަކޮށް މާއިޒް ފަދަ ފަރާތްތަކަށް، އެހެން މީހުނެކޭ އެއްގޮތަށް ނުވަތަ އެހެން މީހުނަށް ވުރެ ބޮޑަށް ލޯތްބާއި އޯގާތެރިކަން ބޭނުންވާނެ ކަމަށެވެ.

އެގޮތުން، މި ދުވަސްތައް ފާހަގަ ކުރާއިރު، މުޖުތަމައުގެ ފަރާތުން ލޯތްބާ އޯގާތެރިކަން ލިބޭކަމަށް އިހުސާސް ކުރެވޭ ކަމަށް މާއިޒު ބުންޏެވެ.

ނަމަވެސް ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް މުޖުތަމައުގައި ހުރި ގޮންޖެހުންތައް އޭނާ ފާހަގަ ކުރިއެވެ.

މާއިޒު ބުނީ ކޮންމެ ކުއްޖަކީ ތައުލީމު ބޭނުންވާނެ ކުއްޖެއް ކަމަށާއި ސްކޫލަށް ގޮސް ކިޔަވަން ކޮންމެ ކުއްޖެއްވެސް ބޭނުންވާނެ ކަމަށެވެ.

އެހެންކަމުން ނުކުޅަދުންތެރިކަން ހުންނަ ހުރިހާ ކުދިން ސްކޫލަށް ގޮސް އުޅެވޭނެ ގޮތް ހަދައިދޭން މާއިޒު ގޮވާލިއެވެ.

މީގެ އިތުރުން މާއިޒު ބުނީ، އާއްމުންނެކޭ އެއްގޮތަށް މާއިޒު ފަދަ ކުދިންވެސް މިސްކިތަށް ގޮސް ނަމާދު ކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެފަދަ ކުދިންވެސް މިސްކިތަށް ގޮސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަށް އެދޭ ކަމަށް މާއިޒު ބުންޏެވެ.

މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރުމާއި އޯގާތެރި ވުމަށް ވެސް މުޖުތަމައަށް މާއިޒު ގޮވާލިއެވެ. އަދި އެފަދަ ކުދިންގެ އިހުސާސްތަކަށް އިހުތިރާމު ކުރުމަށް ހަނދާން ކޮށްދެމުން މާއިޒު ބުނީ އެފަދަ ކުދިންގެ އިހުސާސް ކުރެވޭނީ އެމީހަކަށް ވެސް އެފަދަ ގޮނޑެއްގައި އިންނަ ޖެހޭ ދުވަހަކުން ކަމަށެވެ.

"ކާކަށްތޯ އެނގެނީ މާދަމާ ކަންތާނެ ގޮތެއް؟ އެކަކަށް ވެސް ނޭނގޭނެ މާދަމާ ކަންވާނެ ގޮތެއް ބުނާކަށް. މާދަމާ ކާކަށްތޯ އެނގެނީ ތިބޭފުޅުންނަށް މިފަދަ ގޮނޑިއެއްގާ އިއްތާލަން ނުޖެހޭނެ ކަމެއް،"

އެފަދަ ކޮނޑިއެއްގަ އިންނަން ޖެހޭ ދުވަހަކުން، އެފަދަ މީހުން ކުރާ އިހުސާސްތައް އެނގޭނެ ކަމަށް މާއިޒު ބުންޏެވެ. އެހެންކަމުން މިއަދު އެފަދަ ފަރާތްތަކަށް ހެޔޮކޮށް ކަންތައް ކުރުމަށް އޭނާ ގޮވާލިއެވެ.

"އޭރުން ލިބޭފުޅުންނަށް ވެސް ރޮވޭނެ. އަސަރު ކުރާނެ. އިހުސާސް ކުރެވޭނެ. އެކަމަކު އޭރު ހުންނާނީ ވަގުތު ފާއިތުވެފަ،"

މާއިޒު ބުނީ، ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ކުރުމަކީ، ހެޔޮގޮތުގައި ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.

މާއިޒުއަށް މިފަދަ ފުރުސަތެއް ހޯދައިދިނީތީ އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލަށާއި މުވައްޒަފުންނަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މާއިޒުގެ ވާހަކަ ނިންމާލުމުން ރައީސް ވަނީ ސްޓޭޖަށް ވަދައިގަންނަވާ މާއިޒުއާ ސަލާން ކުރައްވާފައެވެ. އަދި ހިތްވަރު ދެއްވާފައެވެ.

comment ކޮމެންޓް