ދެ ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

26 ނޮވެމްބަރ 2020: މަސްތުވާތަކެތި ބޭނުންކުރާ ތަނެއްގެ ތެރެއިން . -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގައިފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންކަމަށެވެ.

އެގޮތުން ނ. މާޅެންދޫގައި ފުލުހުން އެ އޮޕަރޭޝަން ހިންގައިފައިވަނީ އެ ރަށުގެ ގެއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެންނެވެ. މި މަހުގެ ދެވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއާއެކު އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު މާޅެންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ފުލުހުން ދެވަނަ އޮޮޕަރޭޝަނެއް ހިންގައިފައިވަނީ އައްޑޫސިޓީ މީދޫގައެވެ. އެގޮތުން މީދުގައި ހިންގި އެ އޮޕަރޭޝަނުގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނުކަމަށް ފުލުހުން ބުންޏެވެ.

އަދި މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދެ މީހެއް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފުލުހުންވަނީ ހޯދާފައެެވެ. އެ މައްސަލައާ ގުޅިގެން 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ.

އެއާއެކު އެ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް މީދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރުކޮށްފައެވެ.

https://sun.mv/159672

މި މަހުގެ އެއްވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކުވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް