ބީސީސީގެ މަސައްކަތްތައް ކަނޑައަޅައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގަވައިދަށް އަމަލުކުރަން ފަށައިފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފްކުރި "ސީޑް" ---- ފޮޓޯ/ ބީސީސީ

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މައިގަނޑު މަސައްކަތްތައް ކަނޑައަޅައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ބެހޭ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވައިދަށް އަމަލުކުރަން ފަށައި މިއަދު އެ ގަަވައިދުވަނީ ގެޒެޓްކޮށްފައެެވެ. ގަވައިދުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިނގާނުހިނގާ ގޮތް ބެލުން ހިމެނެއެވެ. އަދި އެ ވިޔަފާރިތައް ވިލަރެސްކުރާނެ ގޮތާއި، އެ ވިޔަފާރިތަކުން މިނިސްޓްރީއަށް ރިޕޯޓުކުރާނެ ގޮތް ކަނޑައެޅުން ވެސް ހިމެނެއެވެ.

އެއާއެކު ކުދިި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރެވުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީގެ މައިގަނޑު މަސްއޫލިއްޔަތުތައް ވެސް މި ގަވައިދުގެ ދަށުންވަނީ ކަނޑައަޅައިފައެވެ.

އެ ގަވާއިދު ބުނާގޮތުގައި، ބީސީސީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދިނުމެވެ. އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ އާ ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. ހަމައެއާއެކު ހިދުމަތް ދިނުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން ވެސް ހިމެނެއެވެ.

އެއާއެކު ބީސީސީއަށް ވެސް އަހަރީ ބަޖެޓެއް ލިބޭނެއެވެ. އަދި މަސައްކަތްތައް ކުރާނެ ގޮތުގެ އެކްޝަން ޕްލޭނާއި އެކަން ހާސިލްކުރުމަށް ކުރާނެ ކަންކަމުގެ އޮނިގަނޑެއް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

މި ގަވައިދުގެ ދަށުން ވިޔަފާރި ތަރައްގީކުރުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް ދެވޭނެ ހިދުމަތްތައް ވެސްވަނީ ކަނޑައަޅައިފައެވެ. އޭގެތެރޭގައި ވިޔަފާރި ފަށައިގަތުމަށް ބޭނުންވާ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމުގެ އިތުރުން އެކަމަށް މީހުން ތަމްރީނުކުރުން ހިމެނެއެވެ. އަދި ތަފާތު ހުނަރު ތަރައްގީކުރުމަށް ބޭނުންވާ ކުރު ކޯސްތަކާއި ތަމްރީނު
ޕްރޮގްރާމްތައް ރާވައި ހިންގުން ވެސް ހިމެނެއެވެ.

މިއަދު ގެޒެޓްކުރި ގަވައިދަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގަވައިދަށް އަމަލުކުރުން ވަނީ ހުއްޓާލައިފައެވެ.

comment ކޮމެންޓް