މިފަހަރުގެ ބެލަންޑޯ އެވޯޑަށް ރާއްޖެއިން ވޯޓު ދިނީ މެސީއަށް

ޕީއެސްޖީގެ ފޯވާޑް ލިއޮނެލް މެސީ މިފަހަރުގެ ބެލަންޑޯ އެވޯޑާއެކު ---

މިދިޔަ ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ފުޓުބޯޅަ މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލަންޑޯ އެވޯޑަށް އެކި ގައުމުތައް ތަމްސީލު ކުރި ނޫސްވެރިން ލައިފައިވާ ވޯޓުގެ ލިސްޓް އާއްމުކޮށްފިއެވެ.

މިއަހަރުގެ ބެލަންޑޯ އެވޯޑަށް ވާދަކުރި ބަޔާން މިއުނިކުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ފަހަތަށް ޖައްސާލުމަށްފަހު ކުޑަ ތަފާތަކުން އެ އެވޯޑް ހޯދީ މީގެ ކުރިން ވެސް ހަފަހަރަކަށް އެ އެވޯޑް ހޯދާފައިވާ ޕީއެސްޖީގެ ތަރި ލިއޮނެލް މެސީއެވެ. އެންމެ ގިނައިން މި އެވޯޑް ހޯދުމުގެ ރެކޯޑް ވެސް އޮތް މެސީ މިފަހަރުގެ އެވޯޑް ހޯދާފައިވަނީ 613 ޕޮއިންޓުންނެވެ. ދެވަނައަށް ދިޔަ ލެވަންޑޮސްކީއަށް 580 ޕޮއިންޓް ލިބުނު އިރު، ތިންވަނައަށް ދިޔަ ޖޯޖީނިއޯއަށް ލިބުނީ 460 ޕޮއިންޓްއެވެ.

މިފަހަރުގެ އެވޯޑް މެސީއަށް ލިބުމާ ގުޅިގެން ބައެއް ނޫސްވެރިން އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި އިރު، ގައުމުތަކުގެ ނޫސްވެރިންގެ ވޯޓްތައް ވަނީ އާއްމުކޮށްފައެވެ. އެގޮތުން ފްރާންސް ފުޓުބޯޅަ މަޖައްލާއިން ނޮމިނޭޓް ކުރި އެންމެ މޮޅު 30 ކުޅުންތެރިންގެ ލިސްޓަށް 180 ގައުމަކުން ވަނީ ނޫސްވެރިން ވޯޓު ލައިފައެވެ.

https://twitter.com/AndiOnrubia/status/1466942942573121544/photo/2

މިފަހަރުގެ ބެލަންޑޯ އެވޯޑަށް ރާއްޖެއިން ވޯޓުލައިފައި ވަނީ އިނގިރޭސި ބަހުން ރާއްޖޭގައި ނެރޭ ކުޅިވަރު ނޫސް، މޯލްޑިވްސް ސޮކާގެ ޗީފް އެޑިޓަރު ޝިމާޒް އަލީ (ޝިމައްޓޭ)އެވެ. ފަހަކަށް އައިސް ކުޅިވަރުގެ ދާއިރާއާ ކޮންމެސް ވަރަކަށް ދުރުގައި މަސައްކަތް ކުރަމުން އަންނަ ޝިމައްޓޭ މިފަހުން ބޮޑަށް ފެނިފައިވަނީ ސިޔާސީ މައިދާނުންނެވެ. އޭގެ އިތުރުން އޭނާ އަކީ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ.

ޝިމައްޓޭގެ ވޯޓުގެ ތަރުތީބު:

1. ލިއޮނެލް މެސީ

2. ރޮބާޓް ލެވަންޑޮސްކީ

3. ކްރިސްޓިއާނޯ ރޮނާލްޑޯ

4. އާލިންގް ހާލަންޑް

5. ކެވިން ޑިބްރޭނާ

ކުޅިވަރުގެ ދާއިރާއާ ދުރުގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް ޝިމައްޓޭ އަންނަނީ ރާއްޖޭގެ އެކިއެކި ޗެނަލްތަކުން ގެނެސްދޭ ކުޅިވަރާ ބެހޭ ޕްރޮގުރާމްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން މިއަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ކުރިން ގެނެސްދޭ ޕޯސްޓް މެޗު ޝޯތަކާއި، ހާފް ޓައިމްގައި ގެނެސްދޭ ޝޯ ތަކުގައި ޝިމައްޓޭ ވަނީ ބައިވެރިވެފައެވެ.

ބެލެންޑޯ އެވޯޑަށް ފަސް ކުޅުންތެރިއަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮންނަ އިރު، އެ އެވޯޑަށް ޕޮއިންޓް ދިނުމުގައި އޮންނަ މައިގަނޑު އުސޫލަކީ އެއްވަނައާއި ވޯޓުދޭ ކުޅުންތެރިއާއަށް ހަ ޕޮއިންޓް ލިބޭ ގޮތަށެވެ. އަދި ދެވަނައަށް ވޯޓުދޭ ކުޅުންތެރިޔާއަށް ހަތަރު ޕޮއިންޓް ދޭ އިރު، ތިންވަނަ އަށް ލިބޭނީ ތިން ޕޮއިންޓެވެ. ހަތަރުވަނައަށް ދެ ޕޮއިންޓް ދޭ އިރު، ފަސްވަނައަށްދާ ކުޅުންތެރިޔާއަށް ލިބޭނީ އެއް ޕޮއިންޓެވެ.

comment ކޮމެންޓް