ކޮވިޑްގައި މީހަކު މަރުވެ، ޖުމްލަ އަދަދު 254 އަށް

ހުޅުމާލޭ ސަހަރާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ބަލީގައި މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ޖުމްލަ 254އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރުއެެވެ.

މި ބަލީގައި އިއްޔެ ދެމީހުން މަރުވެފައި ވެއެވެ. އޭގެ ތެރެއިން އެކަކީ ހއ. ތުރާކުނުގައި ފަރުވާ ދެމުން އައި މީހެކެވެ. އެއީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އިއްޔެ ހެނދުނު 08:28 ހާއިރެވެ.

އޭގެ އިތުރުން އިއްޔެ ބަލީގައި މަރުވެފައިވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އިއްޔެ ހެނދުނު 07:10 ހާއިރެވެ.

ރެއާ ހަމައަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން 102 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

އެގޮތުން މާލެ ސަރަހައްދުން 25 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުން 72 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 05 މީހުންނެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 92،095 ކަށް ވަނީ އަރާފައެވެ.

comment ކޮމެންޓް