އަންހެނުންގެ ނުރުހުމުގައި، ގަދަކަމުން އެ މީހުން ފިރިހެނުންނާ ކަައިވެނިކުރުވުން ތާލިބާން ޖަމާއަތުން އަފްގާނިސްތާނުގައި މަނާކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ތާލިބާން ޖަމާއަތުން ނެރުނު އެންގުމެއްގައި ބުނީ އަންހެނުންނަކީ އެއްވެސް މީހަކަށް މިލްކުވާ "ތަރިކަ މުދާ"ތަކެއް ނޫންކަމަށެވެ. އަދި ކައިވެންޏެއް ކުރަން އެދޭނަމަ އަންހެން މީހާ ވެސް އެކަމަށް އޭނާގެ ރުހުން ދޭންޖެހޭނެކަމަށެވެ.
މި އެންގުން އިއުލާނުކުރީ ތާލިބާން ޖަމާއަތުގެ ޗީފް ހިބަތުﷲ އަހުންޒާދާއެވެ.
"އަންހެނުންނާއި ފިރިހެނުން، ދެބައި މީހުން ވެސް ހަމަހަމަވާންވާނެ. އަންހެނުންނަށް މަޖުބޫރުކޮށް، ގަދަ ބާރު ދައްކައިގެން އެއްވެސް މީހަކަށް އެ މީހުންނާ ކައިވެންޏެއް ނުކުރުވޭނެ،" އެ އެންގުމުގައި ބުންޏެެވެ.
އެ އެންގުމުގައި ކައިވެނި ކުރެވޭނެ އެންމެ ދަށް އުމުރެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން އެ ގައުމުގައި އެންމެ ކުޑަ އުމުރެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ 16 އަހަރެވެ.
އެއާއެކު ކައިވެނިކޮށް ފިރިމީހާ މަރުވުމުން 17 ހަފްތާ މަޑުކުރުމަށްފަހު އާ ފިރިހެނަކާ ކައިވެނީގެ ގޮތުން ގުޅުމަށް އެެއްވެސް ހުރަހެއް ނާޅާނެކަމަސް ވެސް އެ ޖަމާއަތުން ބުންޏެެވެ.
އަފްގާނިސްތާނުން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ޓަކައި މިފަދަ ނިންމުމެއް ނިންމައިފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައުއިން އިތުރު ކަންތައްތަކަކާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މިހާރު އެ ގައުމުގައި އަންހެނުންނަށް ތައުލީމް ހާސިލްކުރުމަށާއި ވަޒީފާ އަދާކުރުމަށް އޮތް ފުރުސަތުތަކާއި މިނިވަންކަމާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ތެރޭ އަފްގާނިސްތާނުގައި ޓީވީ ޑްރާމާތަކަށް އަންހެނުން އެރުން ވެސް ވަނީ މަނާކޮށްފައެވެ.