ޒަވީގެ ފުރަތަމަ ބައްޔާއެކު ބާސެލޯނާ އަދިވެސް ހަތްވަނައިގައި

ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުގެ ތެރެއިން ކުޓީނިއޯއާއި ބާޓްރާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން ބަލިވެ، ތާވަލުގައި ކުރިއަރަން ލިބުނު ފުރުސަތު ގެއްލި ބާސެލޯނާ ހަތްވަނައިގައި އަނެއްކާވެސް ތާށިވެއްޖެއެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ބެޓިސް އަތުން އެ ޓީމު ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ކުޅުނު 15 މެޗުން 23 ޕޮއިންޓް ލިބިފައި އޮތް ބާސެލޯނާ ތާވަލުގެ ހަތްވަނައިގައި އޮތް އިރު، އެ މެޗުން މޮޅުވި ބެޓިސް އޮތީ 30 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ.

ސީޒަން ގޯހުން ގޯހަށް ދާން ފެށުމާއެކު ރޮނާލްޑް ކޫމަން ވަކިކޮށް ބާސެލޯނާގެ ކޯޗުކަމާ މިފަހުން ހަވާލުވި ޒަވީގެ އިރުޝާދުގެ ދަށުން ބަލިވި ފުރަތަމަ މެޗާއެކު ޓީމަށް ވަނީ އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިފައެވެ. އަނެއްކޮޅު މި ހަފުތާގައި ޗެމްޕިއަންސް ލީގުގެ ގުރޫޕް ފަހު މެޗު އޮންނަ އިރު، އެ މެޗަކީ ބާސެލޯނާއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

ބަޔާން މިއުނިކާ ދެކޮޅަށް ރަށުން ބޭރުގައި ބާސެލޯނާއިން އެ މެޗަށް ނުކުންނަ އިރު، އެންމެ ފަހުން މި ދެ ޓީމު ވާދަކުރި މެޗުގައި ވެސް ބަޔާނުން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އޭގެ ކުރިން މިދިޔަ އަހަރު 8-2 އިން ބާސެލޯނާގެ މައްޗަށް ބަޔާން ކުރި ހޯދިއެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ހިސާބުން އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް އައިސްފައިވާ އިރު، މިރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ ބޯޅަ ގިނައިރު ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ބާސެލޯނާއަށް އިދިކޮޅު ބެޓިސްގެ ގޯލު ފޫދުއްވާލެވިފައި ނުވާއިރު، އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު 79 ވަނަ މިނަޓުގައި ޖަހައިދިނީ ހުއަންމީއެވެ.

މިރޭގެ މެޗަކީ 2002 ވަނަ އަހަރަށްފަހު ބާސެލޯނާގެ އަތުން ބެޓިސް ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗެވެ. މީގެ 18 އަހަރު ކުރިން 3-0 އިން ބެޓިސް މޮޅުވި އެ މެޗަކީ ބާސެލޯނާގެ މިހާރުގެ ކޯޗު ޒަވީ އެކުލަބަށް ކުޅެދިން 100 ވަނަ މެޗެވެ.

comment ކޮމެންޓް