ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން ނައްތާލެވިއްޖެ: ރައީސް

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ތެރަޕިއުޓިކް ފަރުވާއަށް ސަލާން ޖެހުން ނައްތާލެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ލާބަޔަށް އެކި ފަރާތްތަކުން ކުރާ ހިދުމަތަކީ، އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާ ފުރިހަމަ އަދި އެހާމެ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ.

ނަމަވެސް އެ މުހިންމު ހިދުމަތުގެ އަގު، ދައުލަތުގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ވަޒަންކުރުމަކީ، ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ ހިދުމަތްތަކަށް ހިތްވަރު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ, ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑްގެ އެންމެ މުހިންމު މަގުސަދަކީ އެ ހިދުމަތުގެ އަގު ވަޒަންކުރުން ކަމަށެވެ.

ދައުލަތުގެ ފަރާތުން ހިދުމަތް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެފަދަ އެއް ކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް. އެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވަނީ ހުއްޓުމަކަށް ގެނެވިފައި," ރައީސް ވިދާޅުވިއެވެ.

އެ ފަރުވާއަށް މިއަހަރުގެ އޮކްޓޯބަރުގެ މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މިދިޔަ އަހަރު 7.2 މިލިއަން ހަރަދުކުރިއިރު 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރުވާއަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ހިލޭ ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

ކޮވިޑް-19 އިގެ ދަތި އުދަނގޫ ހާލަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ވަރަށް ގިނަކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ, އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް ވަރަށް ވަރަށް ގިނަ ހުރަސްތަކެއްވަނީ ކުރިމަތިވެފައި ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރި އިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށް ބޮޑުކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ބައެއް މީހުންގެ ވަޒީފާ ގެއްލިގެން ދިޔަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަޒީފާގައި ދެމިތިއްބަސް އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަ މީހުންވެސް މަދެއް ނޫން. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އަދި ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް ސަރުކާރުގެ ފަރާތުން މުޅިން އަލަށް ވަޒީފާ ދީފައިވާނެ," ރައީސް ވިދާޅުވިއެވެ.

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއް ކަމަށެވެ. މުޖްތަމައެއްގެ ގޮތުގައި އުޅެނީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީގެން ކަން ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންކަމަށް ވަންޏާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއް," ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް