ހަށިވިއްކާ އަންހެނެއް ކައިރިއަށް ފުލުހަކު ވަދެ އޮއްވާ އޭނާގެ އަތުން ފޭރިގެންފި

--- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ލޯބިވެރިޔާ ކައިރިއަށް ވަދެ އޮތް ފުލުހެއްގެ އަތުން 12,000 ރުފިޔާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

އެ މައްސަލައިގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ފުލުސް މީހާއަށް އަނިޔާކޮށް އޭނާ އަތުން 12,000 ރުފިޔާ ފޭރުނުކަމުގެ ތުހުމަތުގައެވެ.

އެ ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ. ލޯބިވެރިޔާ އެހެން މީހެއް ގޮވައިގެން ކޮޓަރިއަކަށް ވަން މަންޒަރު ފެނުމުން އިތުރު ފިރިހެނަކާ އެކު އެތަނަށް ގޮސް ފޯނުން ވީޑިއޯ ކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ފިރިހެން މީހާ ވަނީ އިންކާރުކޮށްފައެވެ. ލޯބިވެރިޔާ ކައިރިއަށް ވަނީ ފުލުހެއްކަން ކުރިން ނޭނގޭ ކަމަށާއި އޭނާގެ އަތުން ފޭރުނު ކަމަށް ކުރާ ތުހުމަތަށް ވެސް 31 އަހަރުގެ ފިރިހެން މީހާ ވަނީ އިންކާރުކޮށްފައެވެ. އަދި އެ ފައިސާ ފުލުސް މީހާ ދިނީ އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ހިތުން ރުހުމުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ލޯބިވެރިޔާއާ އެކު ފުލުސް މީހާ އޮތް މަންޒަރު ވިޑިއޯ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ފުލުސް މީހާއަށް އޭނާ ވީޑިއޯ ކުރާކަން ހީވެގެން ފޯނު އަތުލައި ހަލާކުކޮށްލައި އަނިޔާ ކުރިކަމަށް ވެސް ވަނީ ބުނެފައެވެ.

ފުލުސް މީހެއްގެ އަތުން ފޭރުނުކަމަށް ބުނެ އޭނާ އަށް ވަރަށް އަނިޔާކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ލޯބިވެރިޔާ ވަނީ ކޯޓުގައި ބުނެފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުސް މީހާ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުސް މީހާ ވަދެއޮތް އަންހެން މީހާ ބުނެފައިވަނީ, އޭނާކައިރިއަށް ފުލުސް މީހާ ގެނައީ ފައިސާއަށް ހަށިވިއްކުމަށް ކަމަށެވެ. އަދި އެކަމަށް އެދި އިސްވެ ގުޅީ ފުލުސް މީހާ ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި އަގަކީ 1000 ރުފިޔާއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި އަނެއް ދެ މީހުން, ފުލުސް މީހާއަށް އަނިޔާކުރުން ފެށުމުން އެކަން ނުކުރުމަށް އޭނާ އެދުނު ކަމަށް އަންހެން މީހާ ވަނީ ކޯޓުގައި ބުނެފައެވެ.

އެތަނުން ދޫކޮށްލުމަށް އެއްބަސްވެ ފުލުސް މީހާ ޓްރާންސްފާރކުރި 12,000 ރުފިޔާ އަނބުރާ ދީފައިވާ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

އެ އެންހެން މީހާގެ ނުވަ މަހުގެ ކުއްޖެއް ހުންނައިރު ސިޒޭރިއަން ހެދި ތަނަށް ތަދުވާކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެ ކުއްޖާ ބަލަނީ އޭނާ ކަމަށްވުމުން ބަންދަށް ލުޔެއް ދިނުމަށް ވެސް އެދުނެވެ.

އެ މައްސަލައިގައި ފުލުހެއްގެ މައްޗަށް ތުހުމަތުކުރި ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް