އެންމެ މޮޅު ކުޅުންތެރިޔާއަށް ވާކަށް މަސައްކަތެއް ނުކުރަން: މެސީ

ބެލަންޑޯ އެވޯޑް ހަފުލާގައި މެސީ

ދުވަހަކުވެސް އެހެން މީހުންގެ ނަމޫނާ މީހަކަށް ވާން ބޭނުން ނުވާ ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާކަށް މަސައްކަތް ނުކުރާ ކަމަށް ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ ބުނެފިއެވެ.

ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑު ހަތް ވަނަ ފަހަރަށް މިދިޔަ ހަފްތާގައި މެސީ ވަނީ ކާމިޔާބު ކޮށް އެންމެ ގިނައިން އެ އެވޯޑް ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.

މިކަމާ ގުޅިގެން އުމުރުން 34 އަހަރުގެ މެސީ "ފްރާންސް ފުޓްބޯލް މެގަޒިން" އަށް ބުނެފައިވަނީ އޭނާއަކީ އެހެން މީހުންނަށް ނަސޭހަތްދޭ މީހަކަށް ވާން ބޭނުން ނޫން ކަމަށާއި އެމީހުންގެ ނަމޫނާ އަށް ވާން ބޭނުން ނުވާ ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ އަހަންނަކީ ނަމޫނާ މީހެއް ކަމެއް. އަހަރެން ބޭނުމެއް ނޫން އެހެން މީހުންގެ ނަމޫނާއަކަށްވެ ނަސޭހަތް ދޭ މީހަކަށް ވާކަށް. އަހަރެންނަކީ ދުނިޔޭގެ ތާރީހުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމެއް ވެސް ނޭންގޭ. ދުވަހަކުވެސް ބުނެފައެއް އަދި ހިތަށް ވެސް އަރުވާފައެއް ނޯންނާނެ އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަކަށް. އަދި މަސައްކަތެއް ވެސް ނުކުރަން އެ މަގުސަދަކު އެއް،" މެސީ ބުނެފައިވެއެވެ.

ސިންގަލް ކުލަބަކަށް އެންމެ ގިނަ ގޯލުޖެހިކަމުގެ ރެކޯޑް ހަދާފައިވާ ފުޓުބޯޅައިގެ ރަސްގެފާނަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޒުވާން ކުޅުންތެރިންނަށް ނަމޫނާއެކެވެ. އެހެންނަމަވެސް މެސީ އެގޮތް ބޭނުން ނުވާ ކަމަށް ވަނީ ބުނެފައެވެ.

"އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއަކަށް ވެފައިވާތީ އެވަރުން މާ ބޮޑަށް ވެސް އަހަންނަށް ފުދޭ. އެއީ ދުވަހަކުވެސް އަހަރެން ހިތަށް އެރި އަދި ހުވަފެނުން ދެކެފައިވާ ކަމެއް ވެސް ނޫން،" މެސީ ބުނެފައިވެއެވެ.

ހަމައެހެންމެ ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިން މެސީ ބުނެފައިވަނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަން. އެންމެ ފުރަތަމަ އަހަރެން ބޭނުންވީ ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވާން. އެގޮތުން ކޮންމެ އަހަރަކުވެސް އާ ލަނޑުދަނޑިތަކެއް ކަނޑއަޅާ އެކަންތައްތައް ހާސިލްކުރުމަށް މަސައްކަތް ކުރަން،" މެސީ ބުންޏެވެ.

ފުޓުބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގަައި ދުނިޔޭގެ އެތައް ރެކޯޑެއް މުގުރާލައިފަވެ. ބާސާގައި ހޭދަކުރި ދުވަސަތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު އަދި 2020-21 ވަނަ އަހަރުގެ ކޮޕަ ޑެލް ރޭ ހިމެނެއެވެ.

comment ކޮމެންޓް