ޕޭމަންޓް ސިސްޓަމް ހިންގާ ފަރާތްތަކުން ލައިސަންސް ހޯދަން އަންގައިފި

އޮގަސްޓް 1، 2021: ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އަމަލުކުރަން ފެށިތާ ތިން މަސްވުމާއެކު ޕޭމަންޓް ސިސްޓަމްތައް އޮޕަރޭޓް ކުރަމުން އަންނަ ފަރާތްތަކުން އެކަމަށް ބޭނުންވާ ލައިސަންސަަށް އެދި ހުށަހަޅަން މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ)އިން އަންގައިފިއެވެ.

ގައުމީ ޕޭމެންޓް ސިސްޓަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މޭ މަހުގެ 18ވަނަ ދުވަހެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ގާނޫނު ގެޒެޓުގައި ޝާއިއުކުރިތާ ހަތަރު މަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހެވެ.

އެއާއެކު ރާއްޖޭގައި ޕޭމަންޓް ހިދުމަތްދެމުންގެެންދާ ފަރާތްތަކުންނާއި ސިސްޓަމެއް އޮޕަރޭޓް ކުރަމުން ދާ ފަރާތްތަކުން، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ލަައިސަންސަށް އެދި ހުށަހަޅަންޖެހެއެވެ.

ލައިސަންސަށް އެދި ހުށަހަޅާއިރު ފޮނުވަން ޖެހެނީ، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ވިޔަފާރީގެ ނަމާއި، ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތާއި ބެހޭ ކުރު ތައާރަފެކެވެ. އަަދި އެމްއެމްއޭއިން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެނަމަ ގުޅޭނެ ފަރާތެއްގެ ނަމާއި ގުޅޭނެ ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސްއެވެ. އެއާއެކު ލައިސަންސަށް އެދި އެމްއެމްއޭގެ މެއިލް [email protected] އެ މައުލޫމާތު ފޮނުވުމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ލައިސަންސަށް އެދި މި މަހުގެ 16ގެ ހަވީރު 16:00ގެ ކުރިން ހުށަހަޅަންޖެހޭނެކަމަށެވެ.

ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރާ ގާނޫނެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުން ހިމެނެއެވެ.

ހަމަ އެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދެކެވެ.

މި ގާނޫނުގައި ވާގޮތުން ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ. އަދި މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރުވެސް ގާނޫނުން ވަނީ އެމްއެމްއޭ އަށް ދީފައެވެ.

މި ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

comment ކޮމެންޓް