ރާއްޖެއިން ބަންގްލަދޭޝް އަތުން ލޯނެއް ނަގަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ (ކ) އަދި ނައިބު ރައީސް ފައިސަލް ނަސީމް (ވ) -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ބަންގްލަދޭޝްއިން ލޯނެއް ހޯދުމަށް އެ ގައުމުގައި އެދިއްޖެއެވެ.

ބަންގްލަދޭޝްގެ ނޫހެއްގައި އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެއިން އެ ގައުމުގައި އެދިފައިވަނީ ދިގު މުއްދަތުގެ ލޯނަކަށްކަމަށެވެ. ރާއްޖެއިން ލޯނަކަށް އެދިފައިވާކަން އޭނާ ހާމަކުރެއްވީ ބަންގްލަދޭޝް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް (ބީއައިޑީއެސް) އިން އިންތިޒާމްކުރި މަޝްވަރާތަކެއްގައި އިއްޔެ ވާހަކަދައްކަވަމުންނެވެ.

"ރާއްޖެއިންވަނީ ދިގު މުއްދަތުގެ ލޯނެއް ހޯދުމަށް، އަޅުގަނޑުމެން ގާތު އެދިފައި. އަޅުގަނޑުމެންގެ މި ވަގުތުގެ ވިސްނުން ހުރީ އެ ލޯނު ދޭ ގޮތަށް،" ފަޒްލީ ވިދާޅުވިއެެވެ.

ރާއްޖެއިން ހޯދުމަށް އެދިފައިވާ ލޯނުގެ އިތުރު ތަފްސީލެއް ގަވަރުނަރު ފަޒްލީ ހާމަކޮށްފައެއް ނުވެއެވެ.

މިއީ އެ ގައުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި ގައުމަކަށް ލޯނު ދޭނެ ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އޯގަސްޓު މަހުގެ ތެރޭ އެ ގައުމުން ވަނީ ލަންކާއަށް 250 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ދީފައެެވެ.

ރާއްޖެއާ ބަންގްލަދޭޝްގެ ގުޅުން ބަދަހިކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމްވަނީ މިދިޔަ މަހުގެ ތެރޭ ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދާއި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

އެއާކު ބަންގްލަދޭޝްގެ ފޮރިން ސެކެޓްރީ މަސްއޫދު ބިން މޫމެން ވެސް މިދިޔަ މަހުގެ ތެރޭ ރަސްމީ ދަތުރުފުޅެއްގައިވަނީ ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ބޮޑުވަޒީރު ޝެއިހް ހަސީނާ މި އަހަރުގެ ތެރޭ ދަތުރުފުޅެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް