ވިކީއާއި ކެޓްރީނާގެ ކައިވެނި ކުރެވޭތީ ސަލްމާން ޚާން ހުރީ އުފަލުން!

ވިކީއާޢި ސަލްމާން ޚާން އަދި ކެޓްރީނާ

ވިކީއާއި ކެޓްރީނާގެ ކައިވެނި މިމަހުހެ ނުވަ ވަނަ ދުވަހު ކުރުމަށް ތައްޔާރުވަމުން އަންނަ އިރު ކައިވެނީގެ ހަފުލާއަށް ދެފަރާތުގެ އާއިލާއަށާއި ރައްޓެހިންގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންނަށް ވަނި ދައުވަތު ދީފައެވެ. ނަމަވެސް ކައިވެނީގެ ހަފުލާއަށް ރަންބީރް ކަޕޫރާއި ސަލްމާނު ޚާނަށް ދައުވަތު ދެވުނު ކަމާމެދު ބެލުންތެރިން މިވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދައިފައެވެ. ސަބަބެއް ކަމަށް ވަނީ އެ ދެމީހުންނަކީވެސް ކެޓްރިނާގެ ކުރީގެ ދެ ލޯބިވެރިން ކަމަށް ވުމެވެ.


އިންޑިއާގެ ޚަބަރުތައް ރިޕޯޓުކުރާ ގޮތުން ކެޓްރީނާގެ ކައިވެނި ކުރެވޭ ދުވަހު ސަލްމާން ހުންނާނީ ސައުދި އަރަބީއާގެ ރިއާދުގައެވެ. މިއީ ޓީމެއް ގޮތަށް ކުރަމުން ގެންދާ ދަތުރެއް ކަމުން ދަތުރުގެ ތާރީޚުތައް ސަލްމާން ވަނީ ކުރިންވެސް ހިއްސާކޮށްފައެވެ. އަދި ކުރިން ކެޓްރީނާވެސް މި ދަަތުރުގައި ބައިވެރިވުމަށް ހަމަޖެހިފައި އޮތް އިރު ކައިވެނީގެ ސަބަބުން ކެޓްރީނާއަށް ދަތުރުނުކުރެވި އޭނާގެ ބަދަލުގައި ދަތުރުގައި ޝިލްޕާ ޝެޓީ ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެޓްރީނާގެ ކައިވެނީގައި ސަލްމާން ޚާން ބައިވެރި ނުވި ނަމަވެސް ސަލްމާން ގެ ގާތް މީހަކު ބުނެފައިވާ ގޮތުގައި ވިކީ އާއި ކެޓްރީނާގެ ގުޅުމަށް ސަލްމާން މަރުހަބާ ކިޔައެވެ. އަދި ކެޓްރީނާގެ ކައިވެނި ކުރެވޭތީ ސަލްމާން ހުރީ ވަރަށް އުފަލުން ކަމަށާއި ވިކީއަކީ ކެޓްރީނާއަށް އެންމެ ރަނގަޅު ބައިވެރިޔާކަމަށް އޭނާ ބުނެފައިވާ ކަމުގައި އިންޑިއާގެ ޚަބަރުތަކުން ރިޕޯޓުކުރެއެވެ.

މިކަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭ އިރު ރާޖެސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެޓްރީނާގެ ކައިވެނީގެ ހަފުލާއަށް ސަލްމާން ޚާންއަށް ދައުވަތު ނުދޭ ކަމަށްވެސް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ ރިޔާދަށް ދިއުމަށް ހަމަޖެހިފައިވީނަމަވެސް އެ ދަތުރު ދިއުމުގެ ބަދަލުގައި ސަލްމާން ޚާން ދާނީ ކެޓްރީނާގެ ކައިވެންޏަށް ކަމަށެވެ.

comment ކޮމެންޓް