ވަށަފަރު ފެނާ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފި

ހއ. ވަށަފަރު ފެނާ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ވަށަފަރުގައި މިއަދު ބޭއްވި ރަސްމީޔާތެއްގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހުއާއި ކެލާ ދާއިރާގެ މެމްބަރު އބްރާހިމް ޝަރީފާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގްގެ އިތުރުން ވަށަފަރު ކައުންސިލްގެ ރައީސް އަހުމަދު މުއީނެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ވަށަފަރުގައި ކުރިއަށްދާ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 29 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަދި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ.

ހއ. ވަށަފަރު ފެނާ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 7.5 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާކަމަށެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓާނެކަމަށެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ބަހައްޓާނެއެވެ.

އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ވަށަފަރުގައި 6.1 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 2.7 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. ހަމައެއާއެކު ހަތަރު ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރެއިން އެ ކުންފުނިން ކުރާނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަށަފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 78.92 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް