ޝަހީދުންގެ ޒިކުރާ އާ ނުކުރީތީ ރައީސް ޔާމީންގެ ފާޑުކިޔުން ރައީސް މައުމޫނަށް!

ރައީސް ޔާމީނާއި ރައީސް މައުމޫން ---- ސަން ފައިލް ފޮޓޯ

ނޮވެންބަރު ތިން ވަނަ ދުވަސް ފާހަގަކޮށް، ޝަހީދުން ޒިކުރާ އާ ކޮށްފައިނުވާތީ މި ސަރުކާރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި 'މަރުހަބާ ރައީސް ޔާމީން' ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ގައުމުގެ ކަންކަން ގޯސްކޮށް ހިނގަމުން އަންނައިރު، އެކަމާ ބަސްބުނާނެ ލީޑަރެއް ނެތް ކަމަށެވެ. އަދި ރާއްޖެއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި ރާއްޖޭގައި އިހުލާސްތެރި މުއާޙިޒުންތަކެއް ތިބި ގައުމެއް ކަމަށް ބުނަމުން އައިނަމަވެސް މިއަދު އެ ބޭފުޅުން ނުފެންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ދިވެހި ގައުމެއް މިއީ، ކޮބައިތޯ އެ މުއާހިޒުން ނުފެނޭ އަޅުގަނޑުމެންނަކަށް، މަވެތި ސިފަތައް ނޫން އެއްޗެއް ނުފެނޭ އަޅުގަނޑުމެންނަކަށް މިއަދު، ދެން ކީއްތޯ އަޅުގަނޑުމެންނަށް ވެގެން މިއުޅެނީ، ކީއްތޯ އަޅުގަނޑުމެންނަށް ވެގެން މިއުޅެނީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ 1988 ވަނަ އަހަރުން ފެށިގެން ނޮވެންބަރު ތިނެއް ފާހަގަކުރަމުން އައި ނަމަވެސް މިއަދު އެ ދުވަސް ވެސް ފާހަގަނުކުރާ ކަމަށެވެ.

"އަޅުގަނޑު ނެތިން މިއަދު އެ ދުވަސް ފާހަގަކުރާކަށް، އެ ދުވަހުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އަޅުގަނޑުގެ ބޭބެ، ރައީސް މައުމޫނަކަށް މިއަދު އެއީ ކަމެއް ނޫން، މައްސަލައެއް ނޫން، އެއީ މައްސަލައަކަށް ނުވޭ، އެހެންވީމާ ކީއް ކުރަން އަޅުގަނޑުމެން ނިކުމެ އެ ދުވަސް ފާހަގަކުރަންވީ،" ޔާމީން ވިދާޅުވިއެވެ.

އެ ދުވަހު ޝަހީދުވެގެން ދިޔައީ ހަމަ ދިވެހިން ކަަމަށާއި އެމީހުންގެ ހަނދާން ދިވެހިން އަބަދުވެސް ހުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ޝަހީދު ހުސެއިން އާދަމަކީ ގައުމީ ބަތޮލެއް، އެކަމަކު މިއަދު އެ މީހުންގެ ހައްގުގަ މި ވަތަނީ ލީޑަރުން ކީކޭތޯ ވިދާޅުވަނީ، މައްސަލައެއް ނެތޭ ތި ދުވަސް ފާހަގަނުކުރިޔަސް،" ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމަށެވެ. ނަސްރުގެ ދުވަހަކީ ކެޓަގަރީ ދޭއްގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، އެ ދުވަހަށް ހާއްސަކޮށް ވަކި ޕްރޮގްރާމެއް ޓީވީއެމުން ތައްޔާރު ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް