ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން، އަމަން ބަލަހައްޓަން އިންޑިއާ ސިފައިން ބޭނުން ނުވޭ: ޔާމީން

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

ދިވެހިރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި މި ގައުމުގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ލީޑަރު ޔާމީން ވަނީ އިންޑިއާއާއެކު މި ސަރުކާރުން ބާއްވަމުން އަންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ ދުނިޔެ އުފެދިފައިވާ ގޮތުން، ރާއްޖެ ވަކިން އުފެދިފައި ވުމުގެ ވެސް ސިއްރެއް ވާނެ ކަމަށެވެ. އަދި އެއީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ލައްވައިފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ﷲގެ މިންވަރުފުޅާއެކު އެ އައި ކެޓަކްލިސްމިކް ބާރު ބިމުން އަޑިން އެ އުފެއްދި ބަރުގަދަ އެނާޖީ، އޭގެ ސަބަބުން ރަށްރަށް ބުރައިގެން ދިޔައީ، އޭގެ ސަބަބުން އެފްރިކާއިން ނައްޓައިލައިގެން އިންޑިއާ ދިޔަ ދިއުމުގަ އިންޑިއާ އޭޝިއާ ބައްރުގަ ޖެހިފަ ހިމާލިޔާ ފަރުބަދަ އުފެދިގެން މިއުޅެނީ، " ޔާމީން ވިދާޅުވިއެވެ.

"އެވަރު ވެގެން ދިޔައިރު މި ޖަޒީރާ ގައުމު މިއޮތީ ހަމަ ކަނޑު މެދުން ﷲ އުފައްދަވާފަ، މީގަ ސިއްރެއް ނުވޭތޯ، މީގަ ސިއްރެއް އެބަ ވޭ، އެހެންވީމަ އުފެދުމުގަ އަޅުގަނޑުމެންނަކީ މި ސަރަހައްދުގަ އޮތަސް އެ މީހުންގެ ނަސްލުގެ ބައެއް ނޫނޭ،" ޔާމީން ވިދާޅުވިއެވެ.

ކަން އެހެން އޮތް އިރު ރާއްޖޭގެ އަމަންކަން ބެލެހެއްޓުމަށް އިންޑިއާގެ ސިފައިން ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށާއި، އިންޑިއާ ސިފައިން ތިބެގެން ވެސް ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް އަރާ އިންޑިއާއަކީ އަޅުގަނޑުމެންގެ އެންމެ ގާތް އަވައްޓެރި ގައުމު، އެކަމަކު އިންޑިއާ ގަބޫލުކޮށްގެން ނުވާނެ އަޅުގަނޑުމެން މިއީ އިންޑިއާގެ ޓައުނެކޭ، މިއީ އިންޑިއާގެ ޓައުނެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަކަށް މިތާ މިހުންނަނީކީ އިންޑިއާގެ ގަވަރުނަރެއް ނޫނޭ،" ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ، ކުރީގެ ރައީސްކަން ކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެން ބޭނުމެއް ނުވެޔޭ އިންޑިއާގެ އަސްކަރިއްޔާގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވެޔޭ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން މަގާމު ގެއްލޭ ހިސާބުން ކޮންމެ މީހަކީ ވެސް އާދައިގެ މީހެއް ކަމަށާއި އެމްއެންޑީއެފް އިސް ބޭފުޅުންނަކީ ވެސް އެންމެ ފުރަތަމަ ދިވެހިން ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ ދިވެހި ލޭ ހިނގާ ދިވެހި ދަރީން ކަމަށާއި އެ ބޭފުޅުން އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަން ސަލާމަތް ކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް