ގައިދީންނަށް އިންޓަނެޓު ދީ، ރީސާޗުކުރުމުގެ ފުރުސަތު ދޭން ޖެހޭ: ޔާމީން

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

ގައިދީން ޖަލުގައި ތިބޭއިރު، ކަންކަން ރީސާޗުކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކާނިވަލު ސަރަހައްދުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މީހަކަށް ހުކުމެއް ކުރުމަކީ އެމީހަކީ މުޖުރިމަކަށް ވުން ނޫން ކަމަށެވެ. އިންސާފުގެ އިސްތިއުނާފުގެ ދެ މަރުހަލާގައި އެމީހަކަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުވާ ކަން ފާހަގަކޮށް ޔާމީން ވިދާޅުވީ ޖަލު ބަންދުގައި ތިބޭއިރު ވެސް ދީލަތިވާން ޖެހޭ ކަމަށެވެ.

އެކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޖަލު ބަންދުގައި ހުންނެވިއިރު ކުކުޅު ބިރިޔާނީ ކާން ލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީނަމަވެސް ބޭނުންވަނީ ކުކުޅު ބިރިޔާނީ ކާން ނޫން ކަމަށެވެ.

"ކާކުތޯ ކުކުޅު ބިރިޔާނީ ކާން ބޭނުންވަނީ؟ މިއީތޯ ޖަލު ބަންދުގައި ހުންނަ މީހާ ބޭނުންވާ އެއްޗަކީ؟ އަޅުގަނޑު މިއުޅެނީ ކުކުޅު ބިރިޔާނީ ކާން ނުލިބިގެންނެއް ނޫނޭ،" ޔާމީން ވިދާޅުވިއެވެ.

"ވަރަށް ހަމަޖެހިގެންނޭ، ވަރަށް ރަނގަޅު އެއްޗެހި ކައިގެންނޭ ހުންނަނީ، މާތް ކަލާކޯއޭ އެ ކާކަށް ނޫނޭ، އަޅުގަނޑުމެން ކާން ނުލިބިގެންނެއް ނޫނޭ ޖަލަށް ދިޔައީ، އަނެއްކާ އަޅުގަނޑަށް އިންޑިއާގެ ފަރާތުން ރިޒްގު ނުލިބިދާނެތީކީ ވެސް ނޫނޭ ޖަލަށް ލައިގެން މިއުޅެނީކީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ފަދަ ކޮންމެ ގައިދީއަކަށް ވެސް ލިބެން ޖެހޭ އެންމެ މުހިންމު އެއް ހައްގަކީ ރީސާޗުކުރުމުގެ ފުރުސަތު ކަމަށެވެ.

"އެބަ ޖެހޭ ގައިދީންނަށް، ބަންދުވެފަ ތިބޭ މީހުންނަށް، ހަމަ ރިސާޗުކުރުމުގެ، ރީސާޗުކުރުމުގެ ހައްގު އެބަ ލިބެން ޖެހޭ،" ޔާމީން ވިދާޅުވިއެވެ.

މިއީ ބޭރުގެ އެންމެ ތަހުޒީބީ ގައުމުތަކުގައި ވެސް ފަހިކޮށްދޭ ފުރުސަތެއް ކަމަށާއި އެންމެ ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒުކުރަމުން އަންނަ މީހުންނަށް ވެސް މި ފުރުސަތު ފަހިވެފައި އޮންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކީއްވެތޯ އަޅުގަނޑަށް އިންޓަނެޓަށް ވަދެ، އަޅުގަނޑުގެ މައްސަލައާ ގުޅުންހުރި މައްސަލަތައް ކަމަށް ހީވާ މައްސަލަތައް ރީސާޗުކުރުމުގެ ފުރުސަތު އަޅުގަނޑަށް ނުލިބޭންވީ؟" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ ފުރުސަތު ލިބޭނަމަ އެ މައްސަލައަކާ ގުޅުން ހުރި ކަންކަމުގައި އިތުރަށް އެމީހަކު މައުލޫމާތު ހޯދައި، މައްސަލައަށް އިތުރަށް ތައްޔާރުވުމުގެ ފުރުސަތު ލިބިދޭނެ ކަމަށެވެ.

"އަޅުގަނޑު، އަޅުގަނޑުގެ ލޯޔަރުންގެ ޓީމަށް ބަރޯސާވަން، އިތުބާރުކުރަން، އެހެންނަމަވެސް އަޅުގަނޑު ބޭނުންވާނެ ދެއްތޯ ހަގީގަތުގައި އަޅުގަނޑުގެ ނަފްސު ދެއްތޯ މިއުޅެނީ ކަތިލެވިގެން، އެހެންވީމަ އަޅުގަނޑު ބޭނުންވާނެ ރީސާޗުކޮށްގެން މިކަންކަމުގަ އަޅުގަނޑު ވެސް އަޅުގަނޑަށް ލިބޭ އިލްމެއްގެ އަލީގައި ރީސާޗުކޮށްގެން ވަކާލާތުކުރަން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ ކުށަކަށް މީހަކު ކޯޓަށް ހާޒިރުކޮށްފިނަމަ އޭނާއަށް ކުރާ ތުހުމަތަށް ޖަވާބުދާރީ ވާނީ އޭނާގެ ވަކީލުން އެކަނި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ ތެދުވެ، އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް ބުނަން ކެރެން ވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް